މަޝްހޫރު ސާޗް އިންޖިން 'ގޫގްލް'ގެ ބެލެނިވެރި ކުންފުނިކަމަށްވާ 'އެލްފަބެޓް'ގެ އަގު 1 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.

މިއީ 1 ޓްރިލިއަން ޑޮލަރުގެ މާކަށް އެރި އެމެރިކާގެ 4 ވަނަ ކުންފުންޏެވެ. މި ލިސްޓުގައި ދެން އުޅެނީ، އެޕަލް، މައިކްރޮސޮފްޓް އަދި އެމެޒޯންއެވެ. ކަންމިހެން އޮތްއިރު، ސައުދީގެ ދައުލަތުން ހިންގާ ތެޔޮ ކުންފުނި – އަރާމްކޯއިންވަނީ 2 ޓްރިލިއަން މާކް ހުރަސްކޮށްފައެވެ.

އެލްފަބެޓް ކުންފުނިން 1 ޓްރިލިއަން ޑޮލަރުގެ މާކް ހުރަސްކޮށްފައި މިވަނީ، ގޫގްލްގެ ހަގީގީ ބާނީން ކަމަށްވާ ލެރީ ޕޭޖްއާއި ސަރްގޭއި ބްރިން، އެކުންފުނީގެ އިސް މަގާމުތައް ދޫކޮށްލާ، އެ ކުންފުނީގެ ހިންގުން، ގޫގްލްގެ ޗީފް އެގްޒެކެޓިވް، ސުންދަރު ޕިޗާއީއާއި ހަވާލުކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ގޫގްލްގެ ރައީސް އަދި ސީ.އީ.އޯ ސުންދަރު ޕިޗާއީ/ފޮޓޯ: ގެޓީއިމޭޖަޒް

'އެލްފަބެޓް' ކުންފުނީގެ ރިޔާސަތުން ބްރިންއާއި ޕޭޖް އިސްތިއުފާ ދިން ކަމުގައި ވީ ނަމަވެސް، ކުންފުނީގައި އަދިވެސް އެމީހުންގެ ހިއްސާ އޮންނާނެ ކަމަށާ، އެގޮތުން ބޯޑް މެމްބަރު ކަމުގެ އިތުރުން ކުންފުނީގެ ބާނީންގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ދައުރެއް އަދާކުރަމުންދާނެ ކަމަށް 'އެލްފަބެޓް' ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ގޫގްލްއާއި އެލްފަބެޓް ކުންފުނީގެ މުސްތަގުބަލުގެ އުޖާލާ ކަމަށް ބަލާއިރު، އުމުރުން 46 އަހަރުގެ ޕިޗާއީއަށްވުރެ ވަކިން ގާބިލު ދެވަނަ މީހަކު ނުހުންނާނެ ކަމަށް ބްރިންއާއި ޕޭޖް ވަނީ ބުނެފައެވެ.