ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމާބެހޭ އިދާރާތަކުގެ ވެރިން އަރިހުން އެދިވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރައީސް ސޯލިހު މިއަދު ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާ މަޝްވަރާ ކުރެއްވި ކަމަށެވެ. މުލިއާގޭގައި ބޭއްވި އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ފުލުސް ކޮމިސަނާ މުހައްމަދު ހަމީދުގެ އިތުރުން ސަރުކާރުގެ އެހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ކުޑަ ކުއްޖާއާމެދު ހިންގި އަމަލު ކުށްވެރި ކުރައްވާ ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށާއި ކުޑަކުއްޖާއަށް އިންސާފު ހޯދައި ދިނުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
އޭގެ އިތުރުން އަނިޔާ ލިބިފައިވާ ކުއްޖާއަށް ބޭނުންވާ ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައީސް މައުލޫމާތު ހޯއްދަވާ މަޝްވަރާ ކުރެއްވި އެވެ.