މިދިޔަ ބުރާސްފަތި ދުވަހު ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، އެތައް ބަޔަކު ތިބީ ބަސް ހުއްޓިފައެވެ. ކުއްޖާއަށް އެވަރުގެ އަނިޔާއެއް ދިނީ ކޮންބައެއްތޯ ބަލަން ބޭނުންވެފައި ތިބި މީހުންނަށް ހައިރާންކަމެއް ލިބިގެން ދިޔައީ އެ ތުއްތު ކުއްޖާގެ ހަށިގަނޑަށް ބާރުފޯރުވާފައި ވަނީ އެ ކުއްޖާގެ ބަލަދުވެރިންކަން އެނގުނު ހިސާބުންނެވެ. އެ ތުހުމަތު އޮތީ އެކުއްޖާގެ ބައްޕަ އާއި ބައްޕަ ފަރާތު ކާފަ އަދި މުނިކާފަގެ މައްޗަށެވެ.
މި ވާހަކަތައް ފެންމަތިވެގެން އައި އިރު އެ ކުއްޖާގެ މުނިކާފަ އަދި ކާފައަކީ ރަށުގައި އުޅޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުންދާ ބައެއް ކަމުގެ ވާހަކަތައްވެސް އޮތީ ފެތުރިފައެވެ.
ކުއްޖާގެ މުނިކާފަ (81 އަހަރުގެ):
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވީ، ކުޑަ ކުއްޖާގެ މުނިކާފައަކީ އެފަދަ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އެގޮތުން މީގެ ހަތަރު އަހަރު ކުރިންވެސް މުނިކާފަގެ މައްސަލައެއް ރެކޯޑް ކުރެވިފައިވާ ކަމަށާއި އެ މައްސަލަ ޝަރީއަތުގައި އޮންނަތާ ވަރަށް ދުވަސްވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ފާއިތުވި އެއްމަސް ދުވަސް ތެރޭގައިވެސް މުނިކާފަގެ އިތުރު މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަވެސް ޕޮލިހަށް ހުށަހެޅާފައި ވާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތުދިން އެރަށުގެ މީހެއް ބުނީ، 2 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ކުއްޖާގެ ބައްޕައާއި ކާފައާއި މުނިކާފަ އަށް ކަމަށެވެ. މުނިކާފައަކީ ވަރަށް ގިނައިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހެއް ކަމަށާއި މަގުމަތިން ދާ ކުދިން ގެއަށް ގެންގޮސްދިނުމުގެ ނަމުގައި ފައިސާ ދީ ހައްދާލައިގެން ގެންދާކަމަށް ވެސް ރަށު މީހަކު ބުނެއެވެ.
މީގެ އިތުރުން ރޭގެ ވަގުތެއްގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އެކުވެގެން ނެރެފައިވާ ނޫސްބަޔާނުގައި 2 އަހަރުގެ ކުއްޖާގެ މުނިކާފައަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ކުއްޖާގެ މުނި ކާފައަކީ ފައިސާ ހިފައިގެން މާރުކޮށްގެން ނުކުމެ ރަށުތެރޭ މަގުމަތީގައި އުޅޭ ކުޑަ އަންހެން ކުދިންނަށް ބަހާ މީހެއް ކަމަށާއި ތަންކޮޅެއް ކުރިން އެގޮތަށް ނުކުމެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއްގައި ރަށުތެރެއިން މީހަކު ނުކުމެ އެމީހާގެ ގައިގައި ޖަހާފައިވާ ކަމަށްވެސް އެރަށު މީހަކު ބުނެއެވެ. އަދި އެ ކުއްޖާގެ މުނިކާފަ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ކުރިންވެސް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ކޯޓުގައި މަޑުޖެހިފައިވާ ކަމަށްވެސް އެފަރާތުން ބުނެއެވެ. އަދި ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކީވެސް 2 އަހަރު ކުޑަ ކުއްޖާގެ މުނިކާފަ މަގުމަތިން އެހެންކުއްޖަކަށް ޖިންސީ ގޯނާ ކުރަން ދައުވަތު ހުށަހެޅި ވީޑިއޯއެއް ކަމަށް އެނާ ބުނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުއްޖާގެ މުނިކާފަގެ ވީޑިއޯ:
ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއީގައި މަންޒަރު ރީތިކޮށް ނުފެނެއެވެ. ބެލެވޭ ގޮތުގައި ވީޑިއޯ ކުރި ފޯނަކީ މަގުމަތީގައި ކުޅެން އުޅުނު ކުއްޖެއްގެ އަތުގައި އޮތް ފޯނެކެވެ. ކުޑަކުއްޖާގެ އަތުގައި އޮތް ފޯނުން މަންޒަރު ނެގިފައި ނެތަސް ދެފަރާތުގެ ދެމެދުގައި ދެކެވޭ ވާހަތައް ސާފުކޮށް އަޑުއިވެއެވެ.
އުމުރުން ދުވަސްވީ މީހާ އެ ކުޑަކުއްޖާއަށް ގޮވާލާފައި ރުފިޔާ ބޭނުންތޯ އެހުމުން ކުއްޖާ ބުނަނީ ބޭނުން ނޫންކަމަށެވެ. ދެން އެމީހާ 50 ރުފިޔާ ދެންހޭ އަހާލުމުން ކުއްޖާ ބުނަނީ އެއްވެސް އެއްޗެއް ބޭނުން ނުވާ ކަމަށެވެ. އެއަށްފަހު އުމުރުން ދުވަސްވީ މީހާ ކުއްޖާއަށް ދައުވަތު ދެނީ ޖިންސީ ގުޅުން ހިންގުމަށެވެ. އެމީހާ އެދެނީ ކީއްކުރަންކަން ކުއްޖާއަށް ފުރަތަމަ ނަގައިގަންނަން ނޭނގިގެން ސުވާލު އުފައްދައެވެ. އަދި އެމީހާ ކުއްޖާއަށް އެކަން ސާފުވާނެހެން "އައްޕަނާ" އޭ ބުނުމުން ކުއްޖާ އިންކާރު ކުރެއެވެ. ދެން އެ މުސްކުޅި މީހާ އޭނާއާ އެކު ކޮޓަރިއަށް ދާން ކުއްޖާއަށް ދައުވަތު ދެއެވެ.
އެހިސާބުން އެ ކުއްޖާ އޭނާގެ މަންމައަށް ގޮވަމުން ދުއްވައިގަނެއެވެ. އަދި ހަސަންބެ ކޮޓަރިއަށް އަންނާށޭ ބުނިކަމަށް ބުނެ އެކުއްޖާ އަޑުގެ ނެތްތަނަށް މަންމައަށް ގޮވާއަޑު އިވެއެވެ. ތަކުރާރުކޮށް ކުއްޖާ ހަޅޭއްލަވަމުން އެހެން ބުނާއިރު އެކުއްޖާގެ އަޑުގައި ހުރި ބިރުވެރިކަން ދޭހަވެއެވެ.
ކުއްޖާގެ ކާފަ (62 އަހަރު):
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެރަށުގެ މީހަކު ބުނީ، އެ ކުއްޖާގެ ކާފައަކީ އެ ރަށުގައި މުދިންކަން ކުރާ މީހެއް ކަމަށާއި އެކުއްޖާގެ ކާފައާއި މުނިކާފައަކީ ރަށުގައި މަގުމަތީގައި އުޅޭ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރާ ބައެއްކަން ރަށުގެ މީހުންނަށް އެނގޭ ކަމަށެވެ. އަދި ކުއްޖާގެ ކާފަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާތީ އޭނާގެ ފަހަތުގައި ރަށުގެ ގިނަ ބަޔަކު ނަމާދު ނުކުރާކަމަށްވެސް އެރަށު މީހަކު ބުނެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެ ރަށުގެ ކައުނސިލްގެ ރައީސް ވިދާޅުވީ، ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކާފަ (މުދިމު) މިހާރު ހުންނާނީ މުދިމެއްގެ ގޮތުގައި ނޫން ކަމަށެވެ. މީގެ ދެމަސްކުރިން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން އޭނާ މުދިންކަމުން ރިޓަޔާކުރަން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށު ކައުންސިލުގެ ރައީސް ވިދާޅުވީ، އެރަށަކީވެސް އާބާދީއެއް ކަމަށާއި ހަގީގީ މައްސަލަތަކަށް ފޯކަސް ކުރަން ނޫސްތަކުންވެސް ޖެހޭ ކަމަށެވެ. މިހާރު ހަގީގީ މައްސަލަ އެއްކައިރިކޮށްފައި އެހެން ލައިނަކުން ނޫސްތަކުން ދާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެހެން ވުމަކީ އެއްގޮތަަކަށްވެސް ކަމުދާ ގޮތެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ ފެންމަތިވެފައި ވާއިރު މާލެއާއި ހުޅޫމާލެގައި އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ގިނައަދަދެއްގެ ބަޔަކު ނުކުމެ ވަނީ އިހްތިޖާޖުކޮށްފައެވެ. އިއްޔެ ހަވީރުގެ ވަގުތެއްގައި މާލޭގައި ޖެންޑާ މިނިސްޓްރީ ކައިރިއަށް އެތައް ބަޔަކު އެއްވެ ވަނީ އަޑުއުފުލާފައެވެ. އަދި ހުޅުމާލޭގައި އެކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރިއަށް އެތައް ބަޔަކު އެއްވެ ވަނީ އިހްތިޖާޖުކޮށްފައެވެ.
މީގެ އިތުރުން ގެމަނަފުށީގައި ވެސް މީހުންވަނީ އިހްތިޖާޖްކޮށްފައެވެ. ކުއްޖާގެ ކާފަ އަދި މުނިކާފަ ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން އެރަށުގެ ރައްޔިތުން ވަނީ ޝުއޫރުފާޅުކުރަން ޕޮލިސް ސްޓޭޝަން ކައިރިއަށް އިއްޔެ ހަވީރު 4 ޖެހިއިރު އެއްވެފައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންވެސް ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެގޮތުން ކުއްޖާގެ ބައްޕަ (33 އަހަރުގެ ފިރިހެނެއް) ހައްޔަރުކޮށްފައި ވަނީ ރޭ ހުޅުމާލެ ފްލެޓް 108 އިން ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކުއްޖާގެ ކާފަ، 62 އަހަރު، އަދި މުނިކާފަ، 81 އަހަރު، ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ދެކުނުގެ ރަށަކުން (ރަށް ސިއްރު ކުރެވިފައި) އެވެ. ހައްޔަރު ކުރި ކާފައާއި މުނިކާފަގެ ބަންދަށް މިހާރުވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަަމަށް ފުލުހުން ބުނެއެވެ.
ނައިފަރުގަ ކުޑަކުއްޖަކާބެހިގެން އުޅެނީ ޅަވިޔަނި އަތޮޅު ކައުންސިލް ރައީސަކަށް އެމްޑީޕީ ޕްރައިމެރީގަ ނައިފަރުން ވާދަކުޜާ މީހާގެ ދަނބިދަރި. މައްސަލަ އޮއްބާލާފަ ފުލުހުންނާ ޖެންޑާއިން އެތިބެނީ އަޅާވެސްނުލާ
ތިކަމުގެ ޒިންމާ ފުލުހުންވެސް ނަގަން ޖެހޭނޭ.