ގެސްޓްހައުސަކަށް ވައްދާ، އުމުރުން ދުވަސްވީ މީހެއްގެ އަތުން ފޭރިގެންފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު މެންދުނު 1:45 ހާއިރު، މާލޭ ގެސްޓްހައުސަކަށް އުމުރުން ދުވަސްވީ ފިރިހެނަކު ވައްދާ، 4000 ރުފިޔާ ފޭރިގެންފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލާގައި އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކާއި، 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި މި ދެ މީހުން ފާސް ކުރުމުގެ ތެރޭގައި ފޭރިގެންފައިވާ ކަމަށް ބެލެވޭ 4000 ރުފިޔާއާ ފިރިހެން މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އުމުރުން ދުވަސްވީ މީހަކު ގެސްޓްހައުސަކަށް ވައްދާ ފޭރިފައިވާ މައްސަލައެއް ފެންމަތި ވެފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފައިސާއާއި އޭނާގެ ވޯކް ޕާމިޓް ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި އެދުވަހު 18:45 ހާއިރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު، ހައްޔަރުކޮށްފައިވާ ދިވެހި ފިރިހެން މީހާއަކީ ފުލުހުންގެ ވަޒީފާގައި ޕޮލިސް ލާންސް ކޯޕްރަލެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.