އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އިންތިހާބުގެ ކަންކަން ކުރުމަށް އެ ޕާޓީގެ އިލެކްޝަންސް ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ.

އެމްޑީޕީން ބުނީ އިންތިހާބުގެ ކަންކަން ކުރުމަށް މުއިއްޒު ހަމަޖެއްސީ، އިލެކްޝަންސް ކޮމިޓީގެ މުގައްރިރު މުހައްމަދު އިބްރާހިމް މަނިކު އަންނަ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީ އިންތިހާބުގެ މަސައްކަތުން ތަނާޒިލުވުމާއި ގުޅިގެންނެވެ.

ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ހަމަޖައްސާފައިވާ ތާރީހަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރާނީ، އެ ޕާޓީގެ ޕްރައިމަރީން، ކައުންސިލް ގޮނޑި ކާމިޔާބު ކުރާ ފަރާތަކުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަަހުގެ ހަތަރު ވަނަ ދުވަހެވެ. މި އިންތިހާބުގައި ރާއްޖޭގެ ކޮންސިއުލޭޓްއެއް ނުވަތަ އެމްބަސީއެއް ހުންނަ ކޮންމެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނީ، ވޯޓުލުމަށް 150 މީހުން ރަޖިސްޓްރީ ކޮށްފިނަމައެވެ. އަދި ޖަލެއްގައި ވޯޓު ފޮށި ބެހެއްޓުމަށް 25 މީހުން ރަޖިސްޓްރީވާން ޖެހޭއިރު، ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓޭނީ 50 މީހުން ރަޖިސްޓްރީ ކޮށްފައިވާނަމައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ރަށު ކައުންސިލްތަކަށް 372 އަންހެން ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.