ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން އައްޔަން ކުރަން ނުފެންނަ ކަމަށް ރައީސުް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް އެކޮމިޝަނުގެ މަޝްވަރާއަށް ރައީސް ސޯލިހް އެދިވަޑައިގެންފައިވާ ފާއިޒަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާއި އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުއަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމްކޯޓުގެ އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސޯސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ރިޕޯޓު އެކުލަވާލި ދިރާސާ ކޮމިޓީގެ މަޝްވަރާ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ މަޝްވަރާ ރިޕޯޓް ކޮމިޝަނުން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފާއިޒް ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނުފެންނަ ކަމަށް ރައީސަށް ލަފާއެރުވުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒާ ގުޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި، ޖޭއެސްސީގެ ދަށުން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލައާ ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލައިގެ އިތުރުން ގަނޫނާ ހިލާފަށް އިހްތިސޯސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުން ތަކުގައި ފާއިޒު ބައިވެރިވެވަޑައިގެންފައިވުން ހިމެނެއެވެ. އަދި އިތުރު އެހެން ބައެއް މައްސަލަތަކުގައި އެ މައްސަލަތަށް ނިންމި ފަނޑިޔާރު، ފަނޑިޔާރު ކަމުން ވަކިކޮށްފައި ވާތީ އެ ނިންމުން ތަކުގައި ފާއިޒް ބައިވެރިވެވަޑައިގެންފައިވުން ވެސް ހިމެނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ފާއިޒު އައްޔަން ކުރުމަށް ރައީސް ސޯލިހް ލަފާ ދެއްވީ، އެ ކޯޓުގެ ފަނޑިޔާރު ކަމުން އަބްދުލްޣަނީ މުހައްމަދު ވަކި ކުރުމާ ގުޅިގެން ހުސްވި މަގާމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން އަބްދުލްޣަނީ ވަކި ކޮށްފައިވަނީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ނިންމުންތަކަށް ޖޭއެސްސީން އެކުލަވާލި ރިޕޯޓްގައި ހިމެނޭ ކަންކަމުގެ ތެރެއިން ފަނޑިޔާރު ޣަނީ ބައިވެރިވެވަޑައިގަންނެވި މައްސަލަތަކަކާ ގުޅިގެން ކަަމަށް ބުނެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ، އުއްތަމަ ފަނޑިޔާރު ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއް ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ހުރިހާ ފަނޑިޔާރުންނަކީ ވެސް މިއަހަރުގެ ތެރޭގައި އައްޔަން ކުރެވުނު ފަނޑިޔާރުންނެވެ.