ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މިސްކިތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ އާރްސީސީގެ ޗެއާމަން އަބްދުއް ރަޝީދާއި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދުގެ ދެބޭންގެ އިތުރުން ޗެއާމަން އަބްދުއްރަޝީދުގެ ދަރިކަލުން އަދި އާރްސީސީގެ ޑިރެކްޓަރު މުހައްމަދު ނާޒިމާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ މިސްކިތުގައި 1300 އަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށެވެ. އަދި ދެ ބުރީގެ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރާނެ ކަމަށާއި މި މިސްކިތް ވެގެންދާނީ ރީތި އަދި އެހާމެ ފުރިހަމަ މިސްކިތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ މިސްކިތް ބިނާ ކުރާ ނެއިބާހުޑްގައި ވަގުތީ ދެ މިސްކިތެއް މިހާރު ހުރި ކަމުގައި ވީނަމަވެސް އެ ސަރަހައްދުގެ އެންމެން ނަމާދަށް އެރޭ ވަރުގެ ޖާގަ އެއް ނެތް ކަމަށެވެ. އަދި މިއަދު ބިންގާ އެޅުނު މިސްކިތް ވާނީ އެ ސަރައްދުގެ މީހުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ލުއި ފަސޭހަ ކަމަކަށް ކަމަވެސް އަސްލަމް ވިދާޅުވިއެވެ.
ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ފަހަތުގައި އޮންނަ މަގަށްވާ ގޮތަށް އަޅާ މި މިސްކިތް ވާނީ ހުޅުމާލޭގައި މިވަގުތު އަޅާ އެންމެ ބޮޑު އެއް މިސްކިތަށެވެ. އެ ރަށުގައި އާރްސީސީގެ މިސްކިތް އަޅާ ސަރަހައްދުގައި އެކަނި ވެސް 20،000 މީހުންގެ އާބާދީ އެއް އޮވެ އެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ.