ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، އަންހެންކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް މާލޭގައި ހިންގަން ނިންމައިފިއެވެ.

ދިރާގުން ބުނީ މި ޕްރޮގްރާމަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށެވެ.

އަދި މި ޕްރޮގްރާމަކީ 'ޖެންގޯ ގާރލްސް މާލެ' ނަމުގައި މިމަހުގެ 17 އަދި 18 ގައި ހިންގުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕެއް ކަމަށްވެސް ދިރާގުން ބުނެއެވެ. މި ޕްރޮގްރާމު ހާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށް ކަމަށެވެސް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ދިރާގުން ބުނީ "ޖެންގޯ ގާރލްސް މާލެ" ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކް ބޭނުންކޮށްގެން ވެބްސައިޓް ހަދަން ދަސްކޮށްދޭނެ ކަމަށެވެ. މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު އަދި ވިމެން އިން ޓެކް މޯލްޑިވްސް ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮށްފައި ވަނީ މިމަހު 14ގެ ނިއަލަށެވެ. އަދި ބައިވެރިވާން އެދޭ ފަރާތް ތަކުގެ އެޕްލިކޭޝަން ފޯމް ބަލައި ވަނީ ބަލައިގަނެފައި ކަމަށެވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ވޯރކްޝޮޕްގައި މެންޓށސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ވިމެން އިންޓެކް މޯލްޑިވްސް އިން 2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ ބައިވެރިން ކަމަށެވެ. 'ޖެންގޯ ގަރލްސް މާލެ' ގެ ބައިވެރިން ވެބްސައިޓްސްތައް ހަދާނީ ކޯޗުން ގެ އިރުޝާދާއެކުގައި ކަމަށް ވުމުން މި ޕްރޮގްރާމްގައި އެއްވެސް ތައުލީމެއް އަދި ތަޖުރިބާއެއް ނެތް ފަރާތްތަކުންވެސް މިވޯކްޝޮޕްގައި ބައިވެރިވާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރި ކުރުމާއި އަދި އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި 'ގަރލްސް ޓު ކޯޑް' ނަމުގައި އަންހެންކުދިންނަށް ކޯޑުކުރަން ދަސްކޮށްދޭ ސީރީސް ޕްރޮގްރާމެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން 2019 ވަނަ އަހަރު މީގެ ފުރަތަމަ ޕްރޮގްރާމު ފުވައްމުލައް ސިޓީގައި ވަނީ ބާއްވާފައެވެ. މި ފަދަ އިތުރު ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މި ވޯރކްޝޮޕްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެންކުދިންނަށް ކޯޑު ކުރަން ދަސްކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމުގައިވާ ޖެންގޯ ގާރލްސްގެ ވޯރކްޝޮޕެކެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހު ފުވައްމުލަކު ސިޓީގެ "އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީ"ގައި އުމުރުން 14 އަހަރާއި 20 އަހަރާ ދެމެދުގެ އަންހެންކުދިންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމުގައި ޖުމްލަ 16 ދަރިވަރުން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ.