ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ދިރާސާކޮށްފައި ވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އެރިޕޯޓްގެ ސައްހަ ކަމާމެދު ސުވާލު އުފައްދަވައިފިއެވެ.

ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ އަފްރާޝީމްގެ މަރާގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޝަނުގެ މެންބަރުންނާ ސުވާލު ކުރަން ބޭނުންފުޅުވާ ކަމަށް ކޮމެޓީގައި ދެންނެވި ކަމަށެވެ. ނަމަވެސް އެޕްޑީޕީގެ މެޖޯރިޓީ އޮންނަ އެކޮމެޓީން އެކަން ފަހިކޮށް ނުދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހަށް ރިޕޯޓު ހުށަހެޅުނީމާ އަޅުގަނޑު ދެންނެވިން، މަރުކޮމިޝަނުގެ ބޭފުޅުންނާ ސުވާލުކުރަން ބޭނުންވާ ވާހަކަ، އެހެންނަމަވެސް ކޮމެޓީގެ މެޖޯރިޓީ އޮތީ އެމްޑީޕީ، އެ ފުރުސަތު ދޭކަށް ބޭނުމެއް ނުވި،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ފޮނުވުމުން ރައްޔިތުން ކަންބޮޑުވުން އުފެއްދި ސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ދެންނެވި ކަމަށެވެ.

"އެ މައްސަލަ މަޖިލީހަށް އައީމަ، އެ މެންބަރުން ކައިރިން އަޅުގަނޑު އެދުނިން ރައްޔިތުން ސުވާލުތަކެއް އުފެއްދިއޭ، އެ ސުވާލުތައް ކުރެވެން ވާނެ ކަމަށް ގަބޫލުކުރަމޭ، އަޅުގަނޑު ގަބޫލުކުރާގޮތުގައި މަޖިލީހުގެ 241 ކޮމިޓީން އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން، ސުވާލުކުރެވިގެން އިތުރަށް ތަފުސީލުވާން ޖެހޭ ކަންތައްތައް އެ ރިޕޯޓުގައި ހުރި،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ އެ ރިޕޯޓުގެ ސައްހަކަމާ މެދު އިދިކޮޅުން ވެސް ސުވާލުތަކެއް އުފެއްދި ކަމަށާއި ނަމަވެސް ރިޕޯޓާ ބެހޭގޮތުން ކޮމިޓީން މަރު ކޮމިޝަނާ ސުވާލުކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ސުވާލުތަކެއް އުފެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކްލޯޒްޑް ޑޯ އެއްގައިވިޔަސް ސުވާލު ނުކުރައްވާ. އެ ސުވާލު އެބަ އުފެދޭ، އެ ރިޕޯޓު ސައްހަކަން ނުވަތަ ނޫންކަން ދަންނަވަން އަޅުގަނޑަށް އުނދަގޫ، މިސާލަކަށް އޭގެ ބައެއް ހެކިތަކެއްގެ ވާހަކަ އެބަހުރި، އެ ހެކިތަކާ ސުވާލުކުރީ ކޮން ބައެއްތޯ ވެސް، އެ އޮންނަ ޕްރޮސެސްގެ ތެރެއިން ކުރެވުނު ސުވާލުތަކެއްތޯ ވެސް ކުރަންޖެހޭ، އެ ރިޕޯޓު ބަލައިގަންނަނީކީ ވެސް ނޫން،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ހުރިހާއެއްޗެއްގެ ތަފްސީލް ނޭންގޭ ކަމަށާއި ފަހުގެ ހޯދުންތައް ނޭންގޭ ކަމަށެވެ. އަދި ސީދާ ރިޕޯޓަށް ކޮމެންޓު ކުރަން ބޭނުމެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.