އެމެޒޯން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް މިވަގުތު އިންޑިއާއަށް ކުރަމުންދާ 2 ދުވަހުގެ ދަތުރާ ދިމާކޮށް، އެގައުމުގެ އެކި ހިސާބުތަކުގައި އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފިއެވެ.

މީގެ 5 ވަރަކަށް އަހަރު ކުރިން އިންޑިއާގެ އެތައް ރައްޔިތުންނެއް ރަތްދޫލައާއި މާފަތިތަކުން ހޫނު މަރުހަބާއެއް ކީ ބެޒޯސް އިންޑިއާއަށް މިހާރު ކުރަމުންދާ 3 ވަނަ ދަތުރާ ދިމާކޮށް، މުޒާހަރާ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޑިއާގެ އާދައިގެ ވިޔަފާރިތަކުގެ އޯނަރުންގެ އިއްތިހާދަކުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމޭޒަން ކުންފުނީގެ ބާނީ ޖެފް ބެޒޯސް

ޚަބަރު ލިބޭ ގޮތުގައި، ވިޔަފާރިވެރިންގެ ޝަކުވާއަކީ އެމެޒޯން ކުންފުނީގެ ވިޔަފާރީގެ ސަބަބުން އިންޑިއާގެ ކުދި ވިޔަފާރިތަކަށް ގެއްލުން ވަމުން ދިއުމެވެ. އެމެޒޯން ކުންފުނިން އިންޑިއާގައި ރީޓެއިލް ވިޔަފާރި ކުރަމުންދާތާ މިހާރު 6 އަހަރު ވެފައިވާއިރު، އެކަމުގެ ނޭދެވޭ އަސަރު ކުރަނީ އިންޑިއާގެ ވިޔަފާރިވެރިންނަށް ކަމަށް އެމީހުން ބުނެއެވެ.

އިންޑިއާގެ ވިޔާފާރިވެރިންގެ އިއްތިހާދުން ބުނާ ގޮތުގައި އެމެޒޯން ކުންފުނިން ކުޅެމުންދާ 'ނުބައި ކުޅިގަނޑު'ގެ ސަބަބުން، އިންޑިއާގެ އެތައް ހާސް ވިޔަފާރިންނެއް މިއަދު ވަނީ ބަނގުރޫޓުވެގެން ގޮސްފައެވެ.

ކަންމިހެން އޮތްއިރު، ބެޒޯސްގެ ފްލައިޓް އިންޑިއާގައި ޖެއްސުމުގެ ކުރިން، އިންޑިއާގެ އެންޓި-ޓްރަސްޓް ރެގުއުލޭޓަރުން ވަނީ އެމެޒޯން ކުންފުންޏާ ދެކޮޅަށް މައްސަލައެއްވެސް ބަލަން ފަށާފައެވެ. އެމެޒޯންއިން ވަނީ މި ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެ، ބަޔާނެއް އާންމުކޮށްފައެވެ.