އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އެސްޓީއޯ) ގައި އަލަށް ފަށާ ހިދުމަތެއް ކަމަށްވާ ޕްރީނޭޓަލް ސްކްރީނިން އާއި ނިއުބޯން ސްކްރީނިންގެ ހިދުމަތާ ގުޅޭ ވާރކްޝޮޕެއް ފަށަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ މި ވޯކްޝޮޕަކީ މިމަހުގެ 15 އިން 16 އަށް އެސްޓީއޯއިން އައިޖީއެމްއެޗް ހޮސްޕިޓަލާ ގުޅިގެން އެހޮސްޕިޓަލްގައި ކުރިއަށް ގެންދާ ވޯކްޝޮޕެއް ކަމަށެވެ.

އެސްޓީއޯގެ މެޑިކަލްސްގެ ސީނައާ ޖެނެރަލް މެނޭޖާ އަހްމަދު ޝިފާން ވިދާޅުވީ މިހިދުމަތް ފެށުމަށް މިކަމާގުޅޭ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމުގައި އެސްޓީއޯއިން އިސް ދައުރެއް އަދާކުރާ މައިގަނޑު ސަބަބަކީ މިކަމުން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރާނެ ފައިދާ ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނަ ބޭސް އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ފޯރުކޮށްދޭ ފަރާތްކަމަށްވެފައި، ކުންފުނީގެ ޒިންމާއެއްގެ ގޮތުގައި ދެކިގެން ރާއްޖޭގެ ސިއްހީ ހިދުމަތްތައް ކުރިއަރުވާ އަދި ފައިދާކުރާނެ އެކިއެކި ކަންކަން ތައާރަފްކުރުމުގެ މަސައްކަތަކީ ކުންފުނިން އަހައްމިއްޔަތު ކަމެއް ދީގެން ކުރާ ކަމެއް ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އައިޖީއެމްއެޗާ ގުޅިގެން ބާއްވާ ޕްރިނޭޓަލް އަދި ނިއުބޯން ސްކްރީން ވޯކްޝޮޕްގެ ބައިވެރިން

މީގެ އިތުރުން އެސްޓީއޯއިން ބުނީ އަލަށް އުފަންވާ ކުދިންނާ މާބަނޑު މީހުން ސްކްރީނިން ޓެސްޓް ހެދުމަށް ބޭނުންވާ މެޝިނާ ބެހޭގޮތުން އައިޖީއެމްއެޗްގައި އުޅުއްވާ ޑޮކްޓަރުންނާ މަޝްވަރާކުރެވި، މިހިދުމަތް ދެވޭނެ އިންތިޒާމް މިއަދު މިވަނީ ހަމަޖެހިފައި ކަމަށެވެ.

އަދި މިކަމަކީ ކުރިންނަމަ، ރާއްޖެ އިން ބޭރަށް ގޮސް ނުވަތަ ސާމްޕަލް ފޮނުވައިގެން ހެދެން ހުންނަ ޓެސްޓްތަކެއް ކަމަށައި މިކަމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދޭ ހިދުމަތްތައް ކުރިއެރުމުގެ އިތުރުން މިކަމަށް އެެދި ބޭނުންވެފައި ތިބި ރައްޔިތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަމުގައި ދެކޭ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ޕްރީނޭޓަލް ސްކްރީނިނާއި ނިއުބޯން ސްކްރީނިން ހެދުމަށް ބޭނުންވާ ވަސީލަތްތައް އަޖީއެމް ހޮސްޕިޓަލަށް އެސްޓީއޯއިން ވަނީ ފޯރުކޮށްދީފައިކަމަށެވެ.

ޕްރީނޭޓަލް ސްކްރީނިންއަކީ މައިމީހާގެ ބަނޑުގައި ދަރިފުޅު އޮންނައިރު އެކުއްޖާ ބައެއް ބަލިތަކަށް ސްކްރީން ކުރެވި ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި އެކަންކަން ދުރާލައި ދެނެގަތުމަށް މަގުފަހިވެގެންދާ ހިދުމަތެކެވެ. އަދި ނިއުބޯން ސްކްރީނިންގެ ހިދުމަތްތަކީ ވިހެއުމަށްފަހު ކުދިން އުފެދުމުގައި ހުރެދާނެ ބައެއް ބަލިތައް ދެނެގަތުމަށް، ލެބޯރެޓަރީ ޓެސްޓުތަކެއްގެ އެހީގައި ދެވޭ ސްކްރީން ކުރުމުގެ ހިދުމަތެކެވެ.

ޕްރީނޭޓަލް އަދި ނިއުބޯން ސްކްރީނިންގެ ސަބަބުން ޅަފަތުގައި ކުދިން މަރުވާ ސަބަބުތައް ދެނެގަނެ، އެ ކުދިންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމާއި، އެކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ފުރުސަތު އިތުރުކޮށްދެއެވެ.