ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުންނަކީ ފަގީރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ތިލަދުންމަތީ އިރުވައި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކުފުޅު ދައްކަވަމުންނެވެ. ރައީސް ސޯލިހް ވިދާޅުވީ، ޕަވަޓީ ނުވަތަ ފަގީރުންގެ ގޮތުގައި، ރާއްޖޭގައި ގަބޫލު ކުރަނީ 74 ރުފިޔާއަށްވުރެ މަދުން ލިބޭ މީހުން ކަމަށެވެ. އަދި މި އަދަދަކީ ކޮންމެ މީހަކަށް ޒަރޫރީ ބޭނުން ފުއްދުމަށްޓަކައި އެންމެ މަދުވެގެން ދުވާލަކަށް ލިބެން ޖެހޭ މިންވަރު ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމަށް ބަލާއިރު މާލެއާ ރާއްޖެތެރެއާ ވަރަށް ބޮޑު ތަފާތެއް އެބަހުރި ކަމަށެވެ. އެގޮތުން ހަމައެކަނި ވަޒީފާގައި އުޅޭ މީހުންނަށް ބެލިކަމުގައި ވިޔަސް، ލިބޭ އާމްދަނީ އަށް ބެލިކަމުގައި ވިޔަސް ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ސޯލިހް ވިދާޅުވީ، ދާދިފަހުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި މިނިމަމް ވޭޖާ ބެހޭ ރިޕޯޓުގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ބެހޭގޮތުން ހޯދާފައި ހުރި މައުލޫމާތުގެ މައްޗަށް ބަލާއިރު ވެސް މި ފަރަގު ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، މާލޭގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ފަގީރުން ކަމަށް ބެލެވޭ މީހުންގެ ޕަސެންޓޭޖަކީ 1.7 އަށްވައިރު، އަތޮޅުތަކުގައި މި ޕަސެންޓު 12.6 އަށް އަރާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ މި ފަރަގު ނައްތާލަން ކަމަށާއި، މި ފަރަގު ނައްތާ ނުލެވިއެއް ރާއްޖެއަކަށް ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ. އަދި ރާއްޖެ ތަރައްގީ ކުރުމަކީ ހަމައެކަނި މާލެ ސަރަހައްދު ތަރައްގީ ކުރުމެއް ނޫން ކަމަށާއި މާލެ ސަރަހައްދު ތަރައްގީ ކުރުމަކުން ރާއްޖޭގެ ރައްޔިތުންނަކަށް ކުރިއެރުމެއް ލިބޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިމަމް ވޭޖު ކަނޑައެޅުމުގައި ވިސްނަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.