އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން 15 އަހަރުގެ އަންހެން ކުއްޖެއްގެ ނޭވާހޮޅިން ބުރުގާގައި ޖަހާ ޕިނެއް ނަގައި އޮޕްރޭޝަނެއް ކޮށްފިއެވެ.
އައިޖީއެމްއެޗުގައި އެކުއްޖާގެ އޮޕަރޭޝަން ކުރި ޓީމުގައި ހިމެނޭ ޑޮކްޓަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޕިން ނަގާފައި ވަނީ ރިޖިޑް ބްރޮންކޯސްކޯޕް ބޭނުންކޮށްގެން ކަމަށެވެ. އެއީ ދަގަނޑު ހޮޅިއެއް ގޮތަށް އޮންނަ އެއްޗެއް ނޭވާހޮޅީގެ ތެރެއަށް ލައްވައިގެން ޕިން ނެގުން ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ.
އަދި މިގޮތަށް ނޭވާހޮޅީގެ ތެރެއަށް ދަގަނޑު ހޮޅިއެއް ލައްވައިގެން ޕިން ނަގަން އުޅުމުގެ ތެރޭގައި ލޭ އައުމާއި ފުއްޕާމޭ ފަޅައިގެން ދިއުން ފަދަ ނުރައްކާތެރި ހާދިސާތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާފައި ހުރިކަން ޑޮކްޓަރުންގެ ޓީމުން ވަނީ ފާހަގަ ކުރައްވައިފައެވެ.
މީގެ އިތުރުން އެ ޑޮކްޓަރުންގެ ޓީމުން ބުނެފައި ވަނީ ގިނަފަހަރަށް ދިރުވާލެވޭ ޕިނަކީ ކަނާތް ފަރާތު ނުވަތަ ވާއަތް ފަރާތު ފުއްޕާމެއިން ތިރިއަށް ގޮސް ހުންނަ ކަމަށް ވާނަމަ، ރިޖިޑް އެންޑޮސްކޯޕް އެ ހިސާބަށް ނުފޯރާނެ ކަމަށެވެ. ދެން އެހިސާބުން ޕިން ނަގަން ޖެހޭނީ ފްލެކްސިބަލް ސްކޯޕެއް ލައްވައިގެން، މަޑުމަޑުން ބޭރުކޮށްގެން ކަމަށާއި އެއީ ވަރަށް ގިނަ ވަގުތު ނަގާ އަދި ނުރައްކާތެރި ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
އަދި ޕިން އަނގަޔަށް ލުމުގެ ތެރޭގައި ޕިން ނޭވާ ހޮޅީގެ ތެރެއަށް ދިއުމަކީ ވަރަށް ނުރައްކާތެރިކަމެއް ދިމާވެދާނެ ކަމެއް ކަމަށާއި އެއްވެސް ބޭނުމެއްގައި ޕިން އަނގަޔަށް ލައިގެން ނޫޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
އައިޖީއެމް ހޮސްޕިޓަލުގައި އެކުއްޖާގެ އޮޕަރޭޝަން ކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕިން ނަގާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެއްގެ ނޭވާހޮޅިން ކަމަށެވެ.
މިފަދަ ކަންކަމަކީ މަދުން ނަމަވެސްވާ ރާއްޖޭގައި ދިމާވާ ކަމަކަށްވީ ނަމަވެސް މިއީ ހީކުރާ ވަރަށް ވުރެ ނުރައްކާތެރި ކަމެކެވެ. ފުއްޕާމެއަށް ޕިން ފަދަ އެއްޗެހި ގޮސްގެން ކުރެވޭ މިފަދަ އޮޕަރޭޝަން ތަކަކީ މީގެ ކުރިން ވެސް އައިޖީއެމްއެޗްގައި ކޮށްފައިވާ އޮޕަރޭޝަންތަކެކެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު، ތިން ގަޑިއިރުގެ އޮޕްރޭޝަނެއް ކޮށް 17 އަހަރުގެ އަހަރު ކުއްޖެއްގެ ފުއްޕާމެއިން ވަނީ ޕިނެއް ނަގައިފައެވެ. އަދި މިދިޔަ އޮގްސްޓު މަހު އައިޖީއެމްއެޗުން ވަނީ ހަ އަހަރުގެ ތުއްތު ކުއްޖެއްގެ ފުއްޕާމެެއިން ލެގޯ ކޮޅެއް ނަގާ އޮޕަރޭޝަނެއް ކޮށްފައެވެ. މިފަދަ ތެކެތި ބޭނުން ކުރުމުގައި ސަމާލުވާން ޖެހެއެވެ. ސަބަބަކީ މިފަދަ އެއްޗެއްސަކީ ފުރާނަ އަށް ނުރައްކާ ވާފަދަ އެއްޗެއްސަށް ވާތީއެވެ.