މިހާރު ރާއްޖޭގައި ހިމަބިހި ފެތުރެމުން ދާތީ، ހުޅުމާލޭގައި ޔޫތު މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަފްތާރެސް ކެންސަލް ކޮށްފިއެވެ.

ހަފްތާރެސް ބާއްވަން ޔޫތު މިނިސްޓްރީން ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މި ހަފްތާގެ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހަފްތާރެސް ކެންސަލް ކުރީ މިހާރު ފެތުރެމުންދާ ހިމަބިހި ބައްޔާ ގުޅިގެން ކަމަށެވެ. އަދި ހުރިހާ ފަރާތްތަކުންވެސް އެކަމަށް ސަމާލުވެ ރަސްމީ އިދާރާތަކުން އަންގާ އެންގުންތަކަށް ބޯލެނބުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް ފެނިފައި ވަނީ ވެސް ހުޅުމާލެއިންނެވެ. ހިމަބިހި ޖެހުނީ ކުޑަ ކުއްޖަކަށެވެ. އެކުއްޖާއަށް ވެކްސިންގެ ޑޯޒް ފުރިހަމައަށް ދީފައެއް ނުވެއެވެ. އަދި ހުޅުމާލެއިން އޭގެފަހުން އިތުރު މީހަކުވެސް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ވަނީ ޓެސްޓު ކޮށްފައެވެ. ހެލްތު މިނިސްޓްރީން އަންނަނީ ވެކްސިން ނުޖަހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އިލްތިމާސް ކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ހިމަބިއްސަށް ފަރުވާ ދޭ ހާއްސަ ސެންޓަރެއް ހުޅުމާލޭގައި ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދެލައްކަ މީހުންނަށް ބޭނުންވާ ވަރަށް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދަވާނެ ކަމަށެވެ. މިއަދުވެސް ހިމަބިއްސަށް މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.