ދުނިޔޭގެ އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވަމުން އަންނަ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްއިން ހަގީގަތުގެ މައްޗަށް އިސްކުރަނީ މާލީ ފައިދާ ކަމަށް ބުނެ، މަޝްހޫރު ފިލްމީ ބަތޮލް މާކް ހެމިލް، އޭނާގެ އެފްބީ އެކައުންޓް ޑިލިޓްކޮށްފިއެވެ.

ދިވެހިންގެ ގިނަ ބަޔަކުވެސް ގަޔާވާ ސްޓާވޯޒް ފިލްމް ފްރެންޗައިޒްއިން 'ލޫކް ސްކައިވޯކާ'ގެ ގޮތުގައި އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މާކް ހެމިލް ވަނީ ފޭސްބުކް ކުންފުނިން ސިޔާސީ އިސްތިހާރު ޖެހުމުގައި ގެންގުޅޭ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ސިޔާސަތަކީ، ދޮގު މައުލޫމާތާއެކު ސިޔާސީ ޝަހްސުން ސޯޝަލް މީޑިއާއަށް ދޫކޮށްލާ އިސްތިހާރުތައްވެސް ޕްރޮމޯޓްކޮށްދިނުމަށް މަގުފަހިކުރާ ސިޔާސަތެއްކަމަށް ޚަބަރު ލިބެއެވެ. ފޭސްބުކް ކުންފުނިން ބުނާ ގޮތުގައި ސިޔާސީ އިސްތިހާރުތަކުގައި ހުންނަންވި އެއްޗަކާ ނުހުންނަންވީ އެއްޗެއް ނިންމުމަކީ ޕްރައިވެޓް ކުންފުނިތަކަށް ލިބިގެންވާ ބާރެއް ކަމުގައި އެ ކުންފުނިން ގަބޫލެއް ނުކުރެއެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގު/ފޮޓޯ: ގެޓީ އިމޭޖަޒް

އޭނާގެ ފޭސްބުކް އެކައުންޓް ޑިލީޓްކުރުމަކީ ގިނަ ބަޔަކަށް "ވަރިހަމަ" ކަމަކަށް ވީ ކަމުގައި ވީ ނަމަވެސް، އޭނާގެ އަމިއްލަ ނަފުސަށް އެކަމުން ހަމަޖެހުން ލިބޭކަމަށް ބުނެ މާކް ހެމިލް ވަނީ ޓްވީޓްއެއްކޮށް، އެފްބީގެ ބާނީ، މާކް ޒަކަބާގް ޓެގްވެސްކޮށްފައެވެ.

މާކް ހެމިލްގެ ފާޑުކިއުންތަކަށް ސީދާ ރައްދެއް ނުދިން ކަމުގައި ވީ ނަމަވެސް، ފޭސްބުކް ކުންފުނިން ވަނީ އާންމު އުސޫލުން ދިފާއަށް ކުޅެފައެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ދައުރުވާ މައުލޫމާތު ކޮންޓްރޯލް ވަކި ގާނޫނެއް ނެތް އިރު، ކުންފުނިތަކުން ބޭނުން ގޮތަކަށް ސިޔާސަތުތައް ފަރުމާ ކުރެވިދާނެ ކަމަށް ފޭސްބުކް ކުންފުނިން ވަނީ ބުނެފައެވެ.

މިފަދަ އެކި މައްސަލަތަކުގައި އެފްބީ އެކައުންޓް ޑިލީޓްކޮށްފައިވާ މަގުބޫލު ތަރިންނާ ޝަހްސުންގެ ތެރޭގައި، ލަވަކިއުންތެރިޔާ ޝޭ، ކޮމީޑިއަން ވިލް ފެރަލް، އެކްޓަރު ޖިމް ކެރީ އަދި އެޕަލްގެ ކޯ-ފައުންޑަރު ކަމަށްވާ ސްޓީވް ވޮޒްނެއިކް ހިމެނެއެވެ.