ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ލޮލުގެ ހާއްސަ ފަރުވާދޭ "ޑރ. އެން.ޑީ. ޢަބްދުﷲ ޢަބްދުލްހަކީމް އޮޕްތަލްމޮލޮޖީ ސެންޓާ" ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަސްމީކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ސެންޓަރަކީ ރާއްޖެއާއި ޗައިނާއާއި ދެމެދު 2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ގާއިމްކުރެވުނު ސެންޓަރެއް ކަމަށެވެ. އަދި މި ސެންޓަރު ގާއިމު ކުރުމަށްޓަކައި 11.1 މިލިޔަން ދިވެހިރުފިޔާގެ އަގުހުރި އިކުއިޕްމަންޓް އާއި ބޭސް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހަދިޔާ ކޮށްފައި ވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި މި ސެންޓަރުގައި ޗައިނާގެ ތަޖުރިބާކާރު ލޮލުގެ ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން މިމަރުކަޒުގައި މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށައި މި ތަނުގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޗައިނާގެ އެހީގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުން ތަމްރީންކުރާގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

މި ސެންޓަރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ލޮލުގެ ހިދުމަތް ފެއްޓެވި ދިވެހި ޑޮކްޓަރުގެ ނަމުން ނަންދެވިފައިވާ ސެންޓަރެކެވެ. މި ސެންޓަރަކީ ރާއްޖޭގައި ލޮލުގެ ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކޮށް، ހިދުމަތްތައް ފުޅާކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

ލޮލުގެ ހާއްސަ ފަރުވާތައް ދިނުމާ ބައެއް އޮޕަރޭޝަންތައް ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ މި ސެންޓާ ހުޅުވުމާއި ދިމާކޮށް ޗައިނާ ސަރުކާރާއި ޒޮންގްޝަން އޮފްތަލްމިކް ސެންޓަރާއި ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ވަނީ ލޮލުގެ ބަލިތަކަށް ހާއްސަ ކޭމްޕެއް، މިމަހުގެ 8 އިން 11 އަށް ހިންގާފައެވެ.