އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކަނޑައަޅާފައިވާ އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކުގެ ނަންތަކުގެ ތެރެއިން ދެ ދާއިރާއެއްގެ ނަމަށް ބަދަލު ގެނެސްފިއެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓުގައި ހިމެނޭ އައްޑޫ ސިޓީގެ ދެ ދާއިރާގެ ނަން އިސްލާހުކޮށްފައިވާ ކަމަށެވެ. އަދި މާލެ ސިޓީގެ ދަފުތަރުގައިވާ ފަރާތްތައް އިންތިހާބީ ދާއިރާތަކަށް ބެހިފައިވާގޮތުގެ އެނެކްސްއަށްވެސް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ނަން އިސްލާހުކޮށްފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާގެ ނަން ހިތަދޫ މޫލެކެޑެ ދާއިރާގެ ނަމަށް އަދި ފޭދޫ މަގޫދޫ ދާއިރާގެ ނަން ފޭދޫ މަގުއްދޫ ދާއިރާގެ ނަމަށެވެ.

އީސީން ބައެއް ދާއިރާތަކުގެ ނަންތައް ބަދަލުކޮށް އިސްލާހު ގެނެސްފައިވަނީ އައްޑޫގެ ބައެއް ރައްޔިތުން ދާއިރާތަކަށް ދީފައިވާ ނަން ތަކާއި ގުޅިގެން ހިތްހަމަ ނުޖެހުން ފާޅު ކުރުމުންނެވެ. އައްޑޫ ސިޓީގެ ބައެއް ރައްޔިތުން ވަނީ އެ ސިޓީގެ ބައެއް ދާއިރާތަކަށް ނަން ދީފައިވަނީ އެ ރަށްރަށުގެ މީހުން ކިޔަމުންދާ ނަންނަމުން ނޫން ކަމަށް ބުނެފައެވެ.

އެގޮތުން ހިތަދޫ މޫލުކެޑެ އޮޑައްސައު ދާއިރާގެ ބަދަލުގައި މޫލެކެޑެ ދާއިރާ، ހިތަދޫ މެދުވައު ދައިރާގެ ބަދަލުގައި މެދަވައު ދާއިރާ، ރަސްގެދަރު ދާއިރާގެ ބަދަލުގައި ރަސްގެދަރަ ދާއިރާ އަދި ފޭދޫ، މަގޫދޫ ދާއިރާގެ ބަދަލުގައި މަގުއްދޫ ދާއިރާ ކިޔަން ޖެހޭ ކަމަށް އެސިޓީގެ ބައެއް ރައްޔިތުން ވަނީ ބުނެފައެވެ. ނަމަވެސް އީސީން ބަދަލު ގެނެސްފައިވަނީ ދެ ދާއިރާއެއްގެ ނަމަށެވެ.

އައްޑޫ ސިޓީގެ ދާއިރާތައް:

  • ހިތަދޫ މޫލެކެޑެ ދާއިރާ
  • ހިތަދޫ ކޮރޮވައު ދާއިރާ
  • ހިތަދޫ ބޭރުމަތި ދާއިރާ
  • ހިތަދޫ މެދުވައު ދައިރާ
  • ހިތަދޫ ރަސްގެދަރު ދާއިރާ
  • ހިތަދޫ މާމެންދޫ ދާއިރާ
  • މަރަދޫ ދާއިރާ
  • މަރަދޫ ފޭދޫ ދާއިރާ
  • ފޭދޫ މަގުއްދޫ ދާއިރާ
  • ފޭދޫ މާދެލަ ދާއިރާ
  • ހުޅުދޫ ދާއިރާ
  • މީދޫ ދާއިރާ