ރ. މަޑުއްވަރީގައި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން އެރަށުގެ 5 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް މަޑުއްވަރީ ހެލްތު ސެންޓަރުގެ ޒިންމާދާރު ވެރިޔާ މުހައްމަދު ސާމިއު ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސާމިއު ވިދާޅުވީ، އެ ރަށުގެ ޖުމަލަ 5 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރެއިން 3 ކުދިންނަކީ އެއް އާއިލާއަށް ނިސްބަތްވާ ކުދިން ކަމަށާއި އަދި އެއް އާއިލާއަަކަށް ނިސްބަތްވާ 2 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް ސާމިއު ވިދާޅުވިއެވެ. މި ކުދިންގެ ތެރެއިން 4 ކުއްޖަކަށް ވެކްސީން ދީފައިވަނީ މަޑުއްވަރިން ކަމަށް އޭނާ ވިދާޅުވިއެވެ.
އެއް އާއިލާއަކަށް ނިސްބަތްވާ ދެ ކުދިން ތިބި އިރު އޭގެ ތެރެއިން އެއް ކުއްޖަކު ޗުއްޓީ ހޭދަކުރަން ކުއްޖާގެ މަންމައާ އެކު ރ. އިންނަމާދޫއަށް ގޮސްފައިވާތީ އެ ކުއްޖާއަށް ވެކްސިން ދީފައި ވަނީ އިންނަމާދޫން ކަމަށް ސާމިއު ވިދާޅުވިއެވެ. ސްކޫލް ހުޅުވުނު އިރު މިހާރު އެ ކުއްޖާ ހުރީ މަޑުއްވަރީގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިވަގުތަކީ މާލޭގައި ހިމަބިހި ފެތުރެމުންދާ ވަގުތެއް ކަމުން ވެކްސިން ނުދޭ ފަރާތްތަކުން ވެކްސިން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
މި ވަގުތު މަޑުއްވަރީގެ ހާލަތަށް ބަލައި އެރަށުގައި ހުން އައިސް ގައިގައި ބިހި ނަގައިގެން ފަރުވާ ހޯދުމަށް މީހުން ސިއްހީ މަރުކަޒަށް ދޭތޯ ސުވާލުކުރުމުން ސާމިއު ވިދާޅުވީ އެފަދަ ކަމެއް ފާހަގަ ނުވާ ކަމަށެވެ.
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހާއްސަ އޮޕަރޭޝަން ހިންގަން ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ އޮޕަރޭޝަންގެ ތެރެއިން ވެކްސިން ދިނުމާ ދެކޮޅު އާއިލާއަކަށް ނަސޭހަތްތެރިވެ، 3 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް މި ދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނެފައި ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށް ފަހު، ޖެންޑާ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރި ވެފައިވާ ކަމަށާއި އަދި ނަސޭހަތަށް ފަހު އެގޭގެ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން 3 ކުޑަކުދިންނަށް ވެކްސިން ދީފައިވާ ކަމަށެވެ. އެގޮތުން ވެކްސިން ދީފައިވަނީ 4 އަހަރުގެ ފިރިހެން ކުއްޖަކާއި، 2 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 1 މަހުގެ އަންހެން ކުއްޖަކަށެވެ.
މީގެ އިތުރުން އެ ރަށުގެ އިތުރު ގެއެއްގެ ކުއްޖަކަށް ވެކްސިން ދިނުމަށް ދެކޮޅު ހެދި ކަމަށާއި އެހެންކަމުން އެ ކުއްޖާ ބޮޑު ދައިތައާ ހަވާލު ކުރިކަމަށް އޭރު ފުލުހުން ބުންޏެވެ.