އައްޑޫސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި އެވެ.
މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަރަދޫފޭދޫގެ ދަމަނަވެށިން ތިން ފަހަރެއްގެ މަތިން ވަނީ ވައްކަންކޮށްފައެވެ. ވެކްސިން ޖެހިކަން އަންގައިދޭން ޖަހާ ތައްގަނޑުގެ އިތުރުން ރަސްމީ ލިޔެކިޔުންތައް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫ ވެސް ވަނީ ވަގަށް ނަގާފައެއެވެ.
މި ކަމާ ގުޅިގެން ދަމަނަވެށިން ބުނީ ވެކްސިން ތައްގަނޑާއި އޮފީހުގެ ރަސްމީ ތައްގަނޑާއި ރަސްމީ ލިޔުންތައް ހުރި ސީޕީޔޫގެ ބޭނުން ނާޖާއިޒު ގޮތުގައި ބަޔަކު ކޮށްފާނެ ކަމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މި ދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
އައްޑޫގެ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފައި ވަނީ، ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވީ ވެކްސިން ނުދޭ ކުޑަ އަންހެން ކުއްޖަކަށް ހިމަ ބިހި ޖެހިގެން މިދިޔަ ހަފުތާގައި ފަރުވާ ދީފައި ވަނިކޮށެވެ. ހިމަ ބިއްސަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެކެވެ. ފައިސަލް ވިދާޅުވީ ވެކްސިން ޖަހާފައި ތިބޭ ކުދިންނަށް ނުރައްކަލެއް ނެތް ކަމަށެވެ. އެ ކުދިންގެ ސަބަބުން އެހެން ކުދިން ނަށް ވެސް ނުރައްކަލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި ވެކްސިން ނުޖަހައި ކުދިން ސްކޫލަށް ވެއްދުމެވެ. އެފަދަ ސްކޫލެއް އައްޑޫގައި ހިންގާ ކަމަށް ވިދާޅުވި ނަމަވެސް އެތަނުގެ ނަން ހާމަނުކުރައްވައެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރިނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން ވެކްސިން ނުދޭ ކުދިން ސްކޫލަށް ނުވައްދާ ކަމަށާއި، އެފަދަ ކުދިން ސްކޫލަށް ވައްދާނަމަ، އެއީ ގާނޫނާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ، ގާނޫނާ ހިލާފަށް އެފަދަ ކަމެއް ކުރަމުންދާނަމަ އެކަން ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ކައުންސިލާއި އެޑިއުކޭޝަނާ ގުޅިގެން ވެސް އެކަން ބައްލަވާނެ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވަނީ ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލޭއް އެނގޭނަމަ އެ ސްކޫލެއްގެ މައުލޫމާތު އެޑިއުކޭޝަން މިނސިްޓްރީއާ ހިއްސާކުރުމަށް ގޮވާލައްވާފައެވެ.