ހިމަބިއްސަކީ ވައިރަހެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. އެއް އިރެއްގައި މިއީ އާންމު ބައްޔަކަށްވި ނަމަވެސް، ވެކްސިންގެ އެހީގައި މި ބަލި މުޅިން ނައްތާލެވިފައި އޮތް ޒަމާނެއްވެސް ބައެއް ގައުމުތަކުން ވަނީ ތަޖުރިބާކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާއެކު މި ބަލި އަނެއްކާވެސް މިވަނީ ހަލުވިކަމާއެކު ފެތުރެން ފަށާފައެވެ.

ރުބެއްލާއޭވެސް ކިއާ މި ބައްޔަކީ ކުޑަކުދިންނަށް އިންތިހާއަށް ނުރައްކާ ބައްޔެކެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވި ނަމަވެސް، އަހަރަކު 100000 އަށްވުރެ ގިނަ މީހުން އަދިވެސް މި ބަލީގައި ދުނިޔެ ދޫކުރާކަމަށްވީ ރެކޯޑް ކުރެވިފައެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އަލާމާތްތައް

ހިމަބިހީގެ ނިޝާންތަކާ އަލާމާތްތައް އާންމުކޮށް ފެންނަން ފަށާނީ، ހިމަބިހި ޖައްސާ ވައިރަހަށް ހުށަހެޅޭތާ 10-14 ދުވަހާ ދެމެދު މުއްދަތެއްގެ ތެރޭގައެވެ. މީސަލްސް ނުވަތަ ހިމަބިހީގެ އެންމެ އާންމު އަލާމާތްތަކުގެ ތެރޭގައި:

  • ހުން އައުން
  • ހިކި ކެއްސުމަކުން ކެއްސުން
  • ނޭފަތުން ފެން ފޭބުން
  • ކަރުގައި ރިއްސުން
  • ލޯރަތްވެ، ދުޅަވާ ގޮތްތެއް ހުރުން
  • އަނގަތެރެއިން ކޮޕްލިކްސް ސްޕޮޓް ފާހަގަކުރެވުން: ކޮޕްލިކްސް ސްޕޮޓްސްއަކީ ހުދުކުލައި ލައްތަކެކެވެ. މި ލައްތަކުގެ މެދު ހުންނާނީ ނޫކުލައަކަށްދާ ޒާތެއްގެ ހުދުކުލައެއްގައެވެ. އޭގެ ފަހަތުން ރަތްކުލައެއްވެސް ފެންނަން ހުންނާނެއެވެ.
  • ހަމުގައި ބިހިގަނޑެއް ނެގުން. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ނަގާ މި ބިހިގަނޑަކީ، އެއް ބިހިގަނޑު އަނެއް ބިހިގަނޑާ ފައްތަރުވާ ގޮތަކަށް ފެތުރޭ ބިހިގަނޑަކަށްވެސް ވެދާނެއެވެ.
ހިމަބިހިޖެހުމުން އަނގަތެރެއިން ކޮޕްލިކްސް ސްޕޮޓް ފާހަގަކުރެވޭނެ/ފޮޓޯ: ސައިންސް ސޯސް

މި އަލާމާތްތައް ފެންނަމުންދާނީ އެއްކަމަށްފަހު އަނެއް ކަމެއް ފެންނަ ފަދަ ތަރުތީބަކުން، 2 ހަފުތާއާއި 3 ހަފުތާއާއި ދެމެދު މުއްދަތެއްގެ ތެރޭގައެވެ.

އިންފެކްޝަންއާއި އިންކިއުބޭޝަން: ހިމަބިހި ޖައްސާ ވައިރަހަށް ހުށަހެޅޭ ފުރަތަމަ 10-14 ދުވަހާ ދެމެދު އެމީހެއްގެ ހަށިގަނޑުގައި މިވައިރަސް ދިރި، އާލަވަމުންދާނެއެވެ. ހިމަބިހީގެ އެއްވެސް ނިޝާނެއް މިމުއްދަތުގެ ތެރޭގައި ފާހަގައެއް ނުކުރެވޭނެއެވެ.

ނުސިދާ ނިޝާންތަކާ އަލާމާތްތައް ފެންނަން ފެށުން: ހިމަބިހީގެ އަލާމާތްތައް އެންމެ ފުރަތަމަ ފާހަގަވާން ފަށާނީ މަޑުހުމެއްގެ ގޮތުގައެވެ. އެއަށްފަހު ހިސާބަކަށް ހުން ގަދަވެދާނެއެވެ. މިއާއެކު އަނގަނުޖެހި ކެއްސުމާ، ނޭފަތުން ފެން ފޭބުމުގެ އިތުރުން ލޯރަތްވެ ދުޅަވުން ފަދަ ކަމެއްމެދުވެރިވުމާ، ކަރުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނާނެއެވެ. މި ބަލިގަނޑު 2 -3 ދުވަހަށް ދެމިގެން ހިނގައިދާނެއެވެ.

ސީދާ ބައްޔާ ބިހިގަނޑު: ހިމިބިހީގައި ނަގާ ބިހިގަނޑުތައް އެކުލެވިގެންވަނީ ކުދިކުދި ރަތްތަކިތަކެއް ފަދަ ބިހިތަކެއްގެ މައްޗަށެވެ. ބައެއް ބިހިތައް ހަންގަނޑުން މައްޗަށް އުފުލިފައި ހުންނާނީ ވަރަށް ކުޑަކޮށެވެ. ހަމުގައި ހުންނަ މި ތިކިތަކާ، ކުޑަކޮށް އުފުލިފައި ހުންނަ ބިހިތަކުގެ ސަބަބުން ބޮޑު ބިހިގަނޑެއް ފެތުރޭ ކަމަށް ސިފަކުރެވޭނެއެވެ. އާންމުކޮށް މި ނިޝާން ފެންނަން ފަށާނީ މޫނުމަތިންނެވެ.

ޖެހިގެން އަންނަ ދުވަސްކޮޅުގެ ތެރޭގައި އަތާ، ބަނޑު އަދި ފަލަމަސްގަނޑާ، ފައި އަދި ފައިތިލައަށްވެސް މި ބިހިގަނޑު ފެތުރެމުންދާނެއެވެ. މިއާއެކު ހުންވެސް ގަދަވަމުންދާނެއެވެ. އެގޮތުން 40-41 ޑިގްރީ ސެލްސިއަސްއަށް ހުން ރެކޯޑްކުރެވޭނެއެވެ. މިހާ ހިސާބުން، ހިމަބިހީގެ ބިހިގަނޑު ހިނދެން ފަށާނެއެވެ. ފުރަތަމަ މޫނުންނެވެ. ފައިން ހިނދޭނީ އެންމެ ފަހުންނެވެ.

ހިމަބިހިން ދިފާއުވުމަށް ގަވައިދުން ވެކްސިންޖަހާ، ޑޯޒް ހަމަކުރުން މުހިންމު/ފޮޓޯ: ޕޯލް ވާނޮން

ގައިންގަޔަށް އަރާ ދުވަސްވަރު: ހިމަބިހިޖެހިފައި ހުންނަ މުއްދަތުގައި އެހެން މީހެއްގެ ގަޔަށް މި ބަލި އަރާނީ ވައިރަހުގެ އަސަރުކޮށް ހަމުގައި ބިހިގަނޑު ފާޅުވާން ފެށުމުގެ 8 ވަރަކަށް ދުވަސް ކުރިންނެވެ. އަދި އެމީހާގެ ސަބަބުން ވައިރަސް ފެތުރުން ހުއްޓޭނީ ހަމުގައި ބިހިގަނޑުތައް ނަގަން ފަށާތާ 4 ވަނަ ދުވަހަށްފަހުގައެވެ.

ޑޮކްޓަރީ ފަރުވާ ހޯދާނީ ކޮން އިރަކު؟

ހިމަބިހި ޖެހިފައިވާ މީހަކު ހުރި ހިސާބެއްގައި އުޅެވިފައި ހުރި ނަމަ ނުވަތަ ހިމަބިއްސަށް ޝައްކުކުރެވޭ އެއްވެސް ނިޝާނެއް ފެނުނު އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކައިގެން ފަރުވާ ފަށަންވާނެއެވެ.

ބޭރުގައުމަކަށް ދަތުރުކުރުމުގެ ކުރިންނާ، ސްކޫލަށް ދާން ފެށުމުގެ ކުރިން، ވަކިން ހާއްސަކޮށް ޕްރީ-ސްކޫލް މަރުހަލާއަށް ފެށުމުގެ ކުރިން ދަރިފުޅުގެ ވެކްސިން ރެކޯޑްތައް، އެކަމަށް ހާއްސަ ޑޮކްޓަރަކާ ހިއްސާކޮށް އެފަދަ ފަރާތެއްގެ އިރުޝާދު ހޯދަންވާނެއެވެ.

ހިމަބިހި ޖެހެނީ ކީއްވެ؟

ހިމަބިއްސަކީ އިންފެކްޓްވެފައިވާ ކުޑަކުއްޖެއް ނުވަތަ ބޮޑު މީހެއްގެ ނޭފަތާ ކަރުތެރޭގައި އަލާވަމުންދާ ވައިރަހެއްގެ ޒަރިއްޔާއިން ޖެހޭ ސީރިއަސް ބައްޔެކެވެ. ވައިރަހުގެ އަސަރުކޮށްފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ އިތުރުން ވާހަކަ ދެއްކުމުގެ ސަބަބުން ވައިގެ ތެރެއަށް (ސްޕްރޭވެގެން) ދާ (ކުޅު)ތިކިތަކުގެ ޒަރިއްޔާއިން އިތުރު ބަޔަކު މި ވައިރަހަށް ހުށަހެޅެއެވެ. އެހެން މީހުންނަށް މި ވައިރަހުގެ އަސަރު ކުރަނީ، ނޭވާ އެތެރެއަށްލާ އުސޫލުން ހަށިގަނޑުގެ ތެރެއަށް މި ވައިރަސް ދަތުރުކުރުމުގެ ސަބަބުންނެވެ.

ވައިރަހުގެ އަސަރުކޮށްފައި ހުންނަ މީހެއްގެ ހަށިގަނޑުން ބޭރުވެގެންދާ ވައިރަސް، ތަނެއްގައިވެސް ހަރުލަފާނެއެވެ. އަދި އެތައް ގަޑިއިރެއް ވަންދެން އޭގައި ދިރުންވެސް ހުންނާނެއެވެ. އެހެންކަމުން، އިންފެކްޝަންގެ އަސަރު ހުރި ތަނެއްގައި އަތްލުމަށްފަހު އަނގަޔަށް އަތްލުން، ލޯކަހާލުން ނުވަތަ ނޭފަތުގެ އެތެރޭގައި އިނގިލިޖެހިގެންވެސް ހިމަބިހީގެ ވައިރަހަށް ހުށަހެޅިދާނެއެވެ.

ހިމަބިހީގެ ވައިރަހަށް ހުށަހެޅޭ މީހުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ މި ބަލިޖެހުމުގެ ނުރައްކާ އޮންނަ މީހުންނެވެ.

ހިމަބިހި ޖެހުމުގެ ނުރައްކަ ބޮޑީ ކޮންބަޔަކަށް؟

  • ވެކްސިން ނުޖަހާ ކުދިންނާ މީހުން
  • ހިމަބިހި ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރާ މީހުން
  • ހަށިގަނޑުން ވިޓަމިން އޭ މަދުވާ މީހުން: ކެއިންބުއިމުގައި ވިޓަމިން އޭގެ މާއްދާ މަދުވާ މީހުންނަށް ހިމަބިހި ޖެހުމުން ފެންނަ ނިޝާންތަކާ އަލާމާތްތައް މާ ވަރުގަދަވާނެއެވެ.
ޑޮކްޓަރުގެ އިރުޝާދު އަބަދުވެސް މުހިންމު/ފޮޓޯ: ކޮވްނަންޓް ރިކަވަރީ ސެންޓާ

ހިމަބިހި ޖެހުމުން ކުރިމަތިވާ ނުރައްކާތަކަކީ ކޮބާ؟

  • ކަންފަތް އިންފެކްޓްވުން: އެންމެ އާންމު އެއް ނުރައްކަލަކީ ކަންފަތުގައި ބެކްޓީރިއާ އަށަގަނެ، އިންފެކްޓްވުން
  • ބްރޮންކައިޓިސް، ލެރިންގައިޓިސް ނުވަތަ ކްރޫޕް: ހިމަބިހި ޖެހުމުން އަޑުފޮށި (ލެރިންކްސް) ދުޅަވުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން ޕުއްޕާމެޔާ ގުޅިފައިވާ ވައި ހޮޅިތަކުގެ އެތެރެ ފަށަލަ ދުޅަވާ ގޮތްވެސްވެދާނެއެވެ.
  • ނިއުމޯނިއާ: ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ހިމިބިހީގެ ވައިރަހުގެ އަސަރުކޮށްފިނަމަ ފުރާނައަށް ނުރައްކަވާ ޒާތުގެ ނިއުމޯނިއާ ޖެހުމުގެ ނުރައްކާ ބޮޑެވެ.
  • އެންސިފަލައިޓިސް: އެންސިފަލައިޓިސް ޖެހުމުގެ ނުރައްކަލަކީ، ހިމަބިހި ޖެހޭ ކޮންމެ 1000 މީހަކުން 1 ގެ ނިސްބަތުން އެ ނުރައްކާ އޮންނަ ބައްޔެކެވެ. ހިމަބިހިޖެހޭތާ ކުޑަ ދުވަސްކޮޅެއް ނުވަތަ މަސްތަކެއް ފަހުންވެސް މި ބަލި ޖެހިދާނެއެވެ.
  • މާބަނޑު ދުވަސްވަރުގެ އުނދަގޫތައް: ބަލިވެއިން މީހެއް ކަމަށް ވަނީނަމަ ހިމިބިހީގެ ވައިރަހާ ދުރުވެވޭތޯ ވަރަށް ބަލަންވާނެއެވެ. މާބަނޑު ދުވަސްވަރު ހިމަބިހީގެ ވައިރަހުގެ އަސަރުކޮށްފިނަމަ ދުވަސްނުފުރާ ވިހެއުމާ، ވިހާއިރު ދަރިފުޅުގެ ބަރުދަން އާދަޔާ ހިލާފަށް ލުއިވުމުގެ އިތުރުން މައިމީހާގެ ފުރާނަ ގެއްލިދިއުން ފަދަ ހިތާމަވެރި ހާލަތެއްވެސް މެދުވެރިދާނެއެވެ.

ހިމިބިހިން ދުރުވާނީ ކިހިނެއް؟

ހިމަބިހީގެ ވައިރަހުން ސަލާމަތްވުމަށްޓަކައި ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިމަބިހިން ދިފާއުވުމަށް ދެވޭ ވެކްސިންގެ އެންމެ ފުރަތަމަ ޑޯޒް ދެނީ އަލަށް އުފަންވާ ކުއްޖެއްގެ އުމުރުން 12 މަހާ 15 މަހާ ދެމެދުގައެވެ. ދެވަނަ ޑޯޒް ދެނީ އެކުއްޖާގެ އުމުރުން 4 އަހަރާއި 6 އަހަރާ ދެމެދުގައެވެ.

ސަމާލުކަން ދޭންވީ ކަމަކީ، މި އުމުރާ ފުރާތަކަށް ނުފެތޭ ކުއްޖަކު ގޮވައިގެން ގައުމުން ބޭރަށް ނުވަތަ ހިމަބިހީގެ ވައިރަހުގެ އަސަރު ހުރި ތަނަކަށް ދަތުރުކުރާނަމަ، ދަރިފުޅު ގަވައިދުން ދައްކަމުން އަންނަ ޑޮކްޓަރުގެ އިރުޝާދާ، ލަފާ ހޯދުމަށެވެ. މަތީގައި ބަޔާންކޮށްފައިވާ އުމުރުފުރާތަކުގައި 2 ޑޯޒް ހަމަނުކޮށް ހުރި ފުރާވަރު ކުއްޖެއް ނަމަ 4 ހަފުތާގެ މުއްދަތެއްގެ ތެރޭގައި 2 ޑޯޒް ހަމަކުރަންޖެހޭނެއެވެ.

ބޮޑުމީހެއް ނަމަވެސް ހިމަބިހިން ދިފާއުވާން ވެކްސިން ޖަހަންވާނެއެވެ. ވަކިން ހާއްސަކޮށް، ހިމިބިހީގެ ވައިރަހުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތާ ނުރައްކާ ބޮޑު މީހުން މިކަން ކުރަންވާނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: ދަ ޕްރެސް

ހިމަބިހީގެ ބަލިމަޑުކަމެއް ފެތުރޭއިރު ސަލާމަތް ހޯދުން

ގޭގައި ހިމަބިހީގެ ވައިރަސް އުޅޭނަމަ އަމަލުކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

އެކަހެރިވުން: އަނެކުންގެ ފުރާނައާއި ސިއްހަތާ މެދު ވިސްނާ، އެ ހައްގަށް އިހުތިރާމް ކުރާށެވެ. ހިމަބިހި ފެތުރޭ މުއްދަތު ކަމަށް މަތީގައި ބަޔާންކޮށްފައި މުއްދަތުގައި، އެހެން މީހުންނާ އެކަހެރިވާށެވެ. އިޖުތިމާއީ އެއްވުންތަކާ އާއިލީ ބައްދަލުވުންތަކާ ދުރުވުމުގެ އިތުރުން، އިތުރު އެއްވެސް މީހަކާ ބައްދަލުކޮށް ނުހަދާށެވެ. ހަމަ މިފަދައިން، އިންފެކްޝަންއިން ދުރުވުމަށް ވެކްސިން ހަމަނުކޮށް ތިބި ނުވަތަ ހަމަނުވެ ތިބި ކުދިންނާ ބޮޑެތި މީހުންވެސް މިފަދަ މީހުންނާ ދުރުވާށެވެ.

ވެކްސިންޖެހުން: ހިމަބިހިޖެހުމުން ނުރައްކާ ބޮޑުވާނެ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ޑޯޒް ހަމަނުކޮށް ތިބި މީހުންނަށް އެންމެ ބުއްދިވެރި ގޮތަކީ، ވީ އެންމެ އަވަހަކަށް ވެކްސިން ޑޯޒް ހަމަކުރުމެވެ.