ހިމަ ބިއްސަށް ޝައްކު ކުރެވޭ އިތުރު ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކަށް މިހާރު އެ ހޮސްޕިތަލުގައި ފަރުވާ ދެމުން ދާ ކަމަށެވެ. އަދި އެއީ އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ދާދި ފަހުން ހިމަ ބިއްސަށް ޝައްކު ކުރެވޭ އުމުރުން 3 އަހަރުގެ ކުއްޖަކު ޓެސްޓު ހެދި އިރު އެ ކުއްޖާ ވަނީ ހިމަބިއްސަށް ޕޮސިޓީވް ވެފައެވެ.

ދާދި ފަހުން މާލެ ސަރަހައްދުގައި ދިރިއުޅޭ ތިން އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވުމާ ގުޅިގެން ކުރި ޓެސްޓް ތަކުން ވަނީ ޕޮސިޓީވް ވެފައެވެ. އަދި އެކުއްޖާ ވަނީ 9 މަހުގަ އާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކޮށް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ހިމަ ބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނަމަވެސް މިހާރު މި ބަލި ރާއްޖެއިން ފެނިގެން މިދާ ދަނޑިވަޅަކީ ރާއްޖޭގައި ކުޑަކުދިންނަށް ވެކްސިން ނުދީ އުޅޭ ބައެއް ފަރާތްތައް ހާމަވެެން ގޮސްފައިވާ ދުވަސްވެރެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުދިންނަށް ވެކްސިން ނުދީ ކުދިން ސްކޫލަށް ނުފޮނުވާ ބައެއް ފަރާތްތައް ފާހަގަކުރެވި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.