ރައިޒީނާ ޑައިލޮގްގައި މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ތަގުރީރު ކުރައްވަން ހަމަޖެހިފައިވާކަން އިއުލާން ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވަން ހަމަޖެހިފައި ވާ ރައިޒީނާ ޑައިލޮގް ބާއްވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކަމަށެވެ.

ރައިޒީނާ ޑައިލޮގަކީ އަހަރަކު އެއް ފަހަރު އިންޑިއާގެ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ބާއްވާ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ. މިނިސްޓަރު ޝާހިދު މިއަހަރުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަ ވަނީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަންގެ ރައީސް ސަމީރް ސަރަންގެ ދައުވަތަކަށެވެ.

ފޮރިން މިނިސްޓަރީން ބުނީ މި ބައްދަލުވުމުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ތަގުރީރު ކުރައްވާނެ ކަމަށެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި އެހެން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި، އިންޑިއާ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރު ޝާހިދު ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ