ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ޗީފް ރިސްކް އޮފިސަރު ގެ މަގާމަށް ގެރީ ލޯޓަން އަދި ބީއެމްއެލް އިސްލާމިކް ބޭންކިންގެ ޑިރެކްޓަރުގެ މަގާމަށް ސުރީ ހާނިމް މުހާއްމަދު ހަމަޖައްސައިފިއެވެ.
ޗީފް ރިސްކު އޮފިސަރުގެ މަގާމަށް ހަމަޖެއްސި ގެރީ ބޭންކާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ އިންވެސްޓެކް ބޭންކް ލަންޑަން ގެ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައެވެ. ގެރީ އަކީ ބޭންކިން އަދި ރިސްކް މެނޭޖްމަންޓް ދާއިރާއިން 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ޔޫކޭ އަދި ސައުތް އެފްރިކާގެ އިންވެސްޓެކް ބޭންކްގެ އިސް މަގާމްތަކެއްވެސް ފުރުއްވާފައެވެ.
އިސްލާމިކް ބޭންކިން ގެ ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސި ސުރީ އަކީ އިސްލާމިކް ބޭންކިންގެ ދާއިރާގައި އިސް މާގާމްތަކެއް ފުރުއްވައި، 19 އަހަރުގެ ތަޖްރިބާ ހޯއްދަވާފައިވާ ފަރާތެކެވެ. އޭނާ ވަނީ ތަވާފުގް ކޮންސަލްޓަންސީ އެސްޑީއެން ބީއެޗްޑީގައި ކޮންސަލްޓެންޓެއްގެ ގޮތުން މަސައްކަތްކުރައްވާފައެވެ.
ސުރީ ވަނީ އެސޯސިއޭޝަން އޮފް އިސްލާމިކް އެންޑް ފައިނޭންޝަލް އިންސްޓިޓިއުޝަންސް މެލޭޝިއާ ގެ ޗީފް އެގްޒެކްޓިވް އޮފިސަރު ކަމާއި އެގްޒެކްޓިވް ޑިރެކްޓަރު ގެ މަގާމްވެސް ފުރުއްވާފައެވެ.
އާ ދެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރުމާއި ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ދެ މަގާމުގެ ސަބަބުން ބޭންކުގެ ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
"ހަރުދަނާކޮށް ރިސްކް ބެލެހެއްޓުމަަށް ބޭންކުން ވަރަށް މުހިންމު އިސްކަމެއްދެން. މިވޭތުވެދިޔަ އަހަރުތަކުގައި ބައިނަލްއަގްވާމީ އުސޫލްތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުމަށް މުހިންމު ފިޔަވަޅުތަކެއް މިވަނީ އެޅިފައި، އަދި ގެރީ ފަދަ ތަޖުރިބާކާރު ބޭފުޅަކާއެކު އަޅުގަނޑުމެންގެ ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެން ދާނެ، މިއަހަރުތެރޭ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރުމަކީވެސް އަޅުގަނޑުމެންގެ ވަރަށް މުހިންމު އަމާޒެއް، އަޅުގަނޑުގެ އުއްމީދަކީ ސުރީގެ ބައިނަލްއަގްވާމީ ތަޖްރިބާއާއެކު ކުރިއަރަމުންދާ އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރު ހަރުފަތަކަށް ދިއުން،" ޓިމް ސޯޔާ ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލު ތަކެއް ވަނީ ގެނެސްފަ އެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަގަޅު މުވައްޒަފުންގެ ޝަރަފުގައި އަދި އެފަރާތްތަކުގެ އިޚްލާސްތެރި ހިދުމަތްތައް ފާހަގަ ކުރުމަށް ބޭންކުން އެކި ހަރަކާތްތައް ބާއްވަ އެވެ.