ހުން އައިސް އަދި ފެންނުލައި ހުންނަ ބިހި ގައިގައި ހުރުމުގެ ސަބަބުން އައިޖީއެމްއެޗަށް ފަރުވާ ހޯދުމަށް ދާ ބަލި މީހުން އެމަޖެންސީ ބައިން އަވަހަށް ނަރުހަކަށް އެންގުމަށް އައިޖީއެމްއެޗުން އިލްތިމާސްކޮށްފިއެވެ.
އައިޖީއެމްއެޗުން ބުނީ، ހުމާއެކު ފެންނުލައި ހުންނަ ބިހި ނަގައިގެން ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދާ ބަލިމީހެއް ނަމަ, އެމަޖެންސީ ޓްރައޭޖްގައި ހުރި ނަރުހަކަށް ވީހާވެސް އަވަހަކަށް އަންގަން އެދޭ ކަމަށެވެ. މި ކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑީ ހިމަބިހީގެ ވެކްސިން ކަމަށްވާ އެމްއާރު، އެމް.އެމް.އެމް.އާރް ނުވަތަ މީސެލްސް ވެކްސިންގެ 2 ޑޯޒް ހަމަނުވާ ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ކަމަށެވެ.
އައިޖީއެމްއެޗް އިން މިހެން ބުނެފައި މިވަނީ ދާދީ ފަހުން މާލޭ ސަރަހައްދުގައި ތިން އަހަރުގެ ކުއްޖެއް ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައި ވަނިކޮށެވެ.
ތިން އަހަރުގެ ކުއްޖަކު ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުމާ ގުޅިގެން ކުރި ޓެސްޓްތަކުން ޕޮސިޓިވްވި ކަމަށާއި އެ ކުއްޖާ ވަނީ 9 މަހާއި 18 މަހުގައި ދޭންޖެހޭ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. ހިމަބިއްސަކީ ވައިގެ ޒަރީއާއިން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއް ކަމަށާއި ވެކްސިންގެ ދެޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް، މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
މީސަލްސް އަށް ޕޮސިޓިވްވި ކުއްޖާ ޒިޔާރަތްކުރި ތަންތަނުގެ ތެރެގައި:
- 4 ޖެނުއަރީ 2020 (ރޭގަނޑު 8 އިން 11އަށް) ހުޅުމާލެ ހޮސްޕިޓަލް
- 5 ޖެނުއަރީ 2020 (ހަވީރު 5-9 އަށް) ހުޅުމާލެ ހޮސްޕިޓަލް
- 6 ޖެނުއަރީ 2020 (ރޭގަނޑު 7-10 އަށް) ސެނެހިޔާ
- 7 ޖެނުއަރީ 2020 (ރޭގަނޑު 7 އިން ދަންވަރު 2 އަށް) ހުޅުމާލެ ހޮސްޕިޓަލް
- 8 ޖެނުއަރީ 2020 (ހެނދުނު 11:30 - މެންދުރު 1:30 އަށް) ޓްރީޓޮޕް
- 9 ޖެނުއަރީގެ ހަވީރުގެ ވަގުތުތަކުގައި ހުޅުމާލޭ ސެންޓްރަލް ޕާކަށާއި، އެސަރަހައްދުގެ ކެފޭތައް.
ރާއްޖޭން ހިމަބިހި ނައްތާލެވިފައިވާ ކަމަށް 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ރާއްޖެއަކީ މީސަލްސް ފަދަ ބަލިތައް އުޅޭ ގައުމުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތްކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މީހުންވެސް މިފަދަ ބަލިތައް އުޅޭ ގައުމުތަކަށް ޒިޔާރަތް ކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން 2017 އަހަރާއި 2018 ވަނަ އަހަރުވެސް ރާއްޖޭން ބޭރަށް ދަތުރު ކުރި ދެ ދިވެހިންނަށް ހިމަބިހި ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.