ފުރަގަސް ފަރާތަށް މަސްތުވާތަކެތި ލައިގެން މާފުށި ޖަލަށް ވަންނަން އުޅުނު ގައިދީއަކު އަތުލައިގެންފައިވާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަން އިން ބުނީ ހަށިގަނޑު ތެރޭގައި ރައްކާކޮށްގެން ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ ގައިދީން އެންމެ ގިނައިން މަސްތުވާތަކެތި ވައްދަން މަސައްކަތް ކުުރާ ގޮތް ކަމަށެވެ. އެގޮތުން އިއްޔެ މާފުށި ޖަލަށް މަސްތުވާތަކެތި ވައްދަން މަސައްކަތް ކުރި ގައިދީއަކު ހުއްޓުވައި، މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ހާމަކޮށްފައެއް ނުވެއެވެ.

ކަރެކްޝަންސް އިން ވަނީ އެކަމުގައި އުޅުނު އެސާވިސްގެ އޮފިސަރުންނަށް ޝުކުރު އަދާކޮށްފައެވެ.

މާފުށި ޖަލަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ފޯން ފަދަ ތަކެތި އެތެރެ ކުރަން މަސައްކަތް ކުރެއެވެ. އެފަދަ މައްސަލަތައް މަދުން ނަމަވެސް ފެންމަތިވަމުންދެއެވެ. އަދި ޖަލުގައި ވަގަށް ފޯން ގެންގުޅޭ މައްސަލަ ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.