މީސަލްސް ނުވަތަ ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަން ކަނޑައަޅާފައި ވަނިކޮށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ވާއިރު، އެއީ ދިވެއްސެއް ކަމަށާއި، އޭނާ ފެނިފައި ވަނީ މާލެ ސިޓީން ކަން ހާމަވެއްޖެއެވެ.

ހިމަބިއްސަށް ޝައްކުވާ ފަރާތެއް ފެނުމުން، އެ ބައްޔަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

މިކަމާ ގުޅިގެން ޑރ. އަހްމަދު ފައިސަލް ވަނީ، ހިމަބިހިން ރައްކާތެރިވުމަށް މި ވަގުތަށް ކުރެވެން ހުރި ކަންތައް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އޭގެ ތެރޭގައި ވެކްސިން ޕްރޮގްރާމް ހިންގަން އެކަށޭނަ މީހުން ހޯދައި، ހިމަބިއްސަށް ޝައްކު ކުރެވޭ އިތުރު މީހަކު ފެނިއްޖެނަމަ އެހެންމީހުންނާ ވަކިން ބެލެހެއްޓޭނެ ގޮތް ހޯދުން ހިމެނެއެވެ. އަދި ހުމާއެކު ބިހިނަގާ އެންމެން ހިމަބިއްސަށް ޓެސްޓު ކުރުމާއި، އެންމެން ވެކްސިން ހަމަކުރުމުގެ އިތުރުން، މިހާރު ފެނިފައިވާ ބަލިމީހާއަށް ހުށަހެޅުނު އެންމެންގެ ކިބައިން މި ބަލީގެ އަލާމާތް ފެނޭތޯ ބެލުމަށް ވެސް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ދިވެއްސެއްގެ ގައިން ހިމަބިހި ފެނިފައިި ވާއިރު، ރާއްޖޭގައި މިހާރު ވެކްސިން ނުދީ ގެންގުޅޭ ކުދިން ވެސް އެބަތިއްބެވެ. އެފަދަ ބައެއް ކުދިންނަށް ވެކްސިން ދިނުމަށްޓަކައި، ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކުން އެ ކުދިންގެ މައިންބަފައިންނަށް ނަސޭހަތްތެރިވެފައި ވެސް ވެއެވެ. ނަމަވެސް، އަދިވެސް ފާޅުގައި ވެކްސިން ނުދޭނެ ކަމަށް ބުނެ އިންކާރުކޮށް، ވެކްސިން ނުދީ ގެންގުޅޭ ކުދިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަ ތިއްބެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެއާއެކު، ރާއްޖެ ވެފައި ވަނީ އޭޝިއާ ސަރަހައްދުގައި ވެސް އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާ އެކުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރި ކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސަލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.