"ޕޮލިސް ޕާފޯމަންސް ބޯޑެއް" އުފައްދުމަށް ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ހިންގި 31 ވަނަ ރެކްރޫޓް ޓްރޭނިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ޑިމޮކްރަޓިކް އެކައުންޓަބިލިޓީ އިތުރު ކުރުމަށްޓަކައި މި ހަފްތާގައި "ޕޮލިސް ޕާފޯމަންސް ބޯޑެއް" އުފައްދުމަށް އެކަމުގެ އިންތިޒާމުތަކާ ގުޅޭ ކަރުދާހެއް ސަރުކާރަށް ހުށަހަޅުއްވައިފާ ކަމަށެވެ.

އަދި މިހާރު އެކުލަވާލާފައިވާ ފުލުހުން ހިދުމަތުގެ ބިލުގެ ޑްރާފްޓުގައިވެސް އެފަދަ އިންތިޒާމުތަކަށް ގާނޫނީ ބާރު ދިނުމުގެ މަގުސަދުގައި މިފަދަ ބޯޑެއްގެ ކަންތަށްތަށް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހެޔޮ ބަދަލެއް ގެނައުމަށް ވިސްނައި ރާވަމުން ގެންދެވި ކަންކަމުގެ ތެރޭގައި އަމަލީ ސިފަ ޖެހެންފަށާފައި ވާ ކަމަށެވެ.

ރެކްރޫޓް ޓްރޭނިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާ ވިދާޅުވެފައި ވަނީ ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި 2004 ވަނަ އަހަރު ސިފައިންނާއި ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ބަދަލުކުރެވުނު ފަހުން ފުލުހުންގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަންވެސް ފާހަގަ ކުރައްވާފައިވެއެވެ.