މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހާމަކުރި މައުލޫމާތުތަކުގައި ފުށުއެރުންތައް ހުރިއިރު، ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެކަންތައް ދޮގުކޮށްފިއެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުނާޒް ވިދާޅުވީ، ފުލުހުންނާއި ކަރެކްޝަންސްއިން ހާމަ ކުރި މައުލޫމާތާއި ސޯޝަލް މީޑީއާގައި އާންމުވި ވީޑިއޯގައި ފުށުއެރުންތަކެއް ހުރި ކަމަށް ބައެއް ފަރާތްތަކަށް ފާހަގަވެފައިވީ ނަމަވެސް އެއީ އޮޅުމެއް ކަމަށެވެ. އަދި ފުލުހުން ވެސް ކަރެކްޝަންސް އިން ވެސް ދޮގެއް ނަހަދާ ކަމަށާއި، ދެ މުއައްސަސާއިން ހާމަކުރީ އެއް ވާހަކައެއްގެ ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.

މުނާޒް ވިދާޅުވީ، ފުލުހުން މައުލޫމާތު ދީފައިވާ ފަދައިން ފުލުހުން މާފުށީ ޖަލަށް ދިޔައީ ބައްދަލުވުމަކަށް ކަމަށެވެ. އަދި ފުލުހުން އެތަނަސް ދިޔަފަހުން ދިމާވި ހާދިސާއެއްގައި ފުލުހުން ތަހުގީގު ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މާފުށީ ޖަލުގައި ބޭއްވި ބައްދަލުވުމަށްފަހު ކަރެކްޝަންސްގެ އޮފިސަރުންނާއެކު ފުލުހުން ވަނީ ގޮޅި ބަލާފާސްކުރި ގަޑީގައި ގޮޅި ބަލާފާސްކުރާ ގޮތް ބަލާފައެވެ މުނާޒް ވިދާޅުވީ، އެގަޑީގައި ރިމާންޑް މީހުން ތިބި ގޮޅިއެއްގައި ތިބި 4 މީހުންނާއި އޮފިސަރުންގެ މެދުގައި ހަމަނުޖެހުން ހިނގާ، އެމީހުން ގެންގުޅުނު ބައެއް ތަކެތި އަތުލުމަށް ގޮޅިން ބޭރަށް ނެރެފައިވާ ކަމަށެވެ.

ބަންދުމީހުން ގޮޅިން ބޭރަށް ނެރުމަށް ޕެޕާސްޕްރޭ ބޭނުން ކުރި ކަމަށް މުނާޒް އެއްބަސްވެފައިވާއިރު އޭނާ ވިދާޅުވީ، ޕެޕާސްޕްރެ ޖެހުމަށްފަހު އެ މީހުންގެ މޫނަށް ފެންޖަހާފައި ވަނީ އެމީހުންނަށް ވަގުތުން ފަރުވާދޭން ޖެހޭތީ ކަމަށެވެ. އަދި ވީޑިއޯއަށް އަރާފައި ވަނީ އެ މަންޒަރު ކަމަށާއި، ޖަލުގައި ކަން ހިނގައިދިޔަ ގޮތުގެ ވީޑިއޯ ކަރެކްޝަންސް އިން ނަގާފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ ބޭނުންވާ ކަމާ ބެހޭ ފަރާތެއް ހުރި ނަމަ، އެ ސާވިސް އިން އެ ވީޑިއޯ ހިއްސާ ކުރާނެ ކަމަށް ވެސް މުނާޒް ވިދާޅުވިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

މީގެ އިތުރުން މުނާޒް ވިދާޅުވީ ޖަލުގައި އެންމެ ފުރަތަމަ ހަމަނުޖެހުން ހިނގާފައި ވަނީ، މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އަދި ދެ ދުވަސް ވަނދެން ބަންދުމީހުން ލޮނު މިރުސްފެނާއި ދިލަނަގާ ޒާތުގެ އެއްޗެހި ޖަހާ، އޮފިސަރުންނަށް ފުރައްސާރަ ކޮށްފައިވާއިރު، އޮފިސަރުން އަމަލުކުރީ ކެތްތެރިކަމާއެކު ކަމަށް މުނާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަދު ފަހަރެއްގައި އޮފިސަރުން އަނިޔާވެރި ނުވާނެއެކޭ ނުބުނެވޭނެ ކަމަށާއި، ނަމަވެސް މިހާރު ޖަލު އޮފިސަރަކު ގައިދީއަކާ މެދު އަނިޔާވެރި ނުވާނެ ކަމަށެވެ.

މުނާޒް ވިދާޅުވީ، ހަމަނުޖެހުން ހިނގާފައި ވަނީ މާފުށީ ޖަލުގައި ރިމާންޑް މީހުން ބައިތިއްބާފައި ހުރި ބައިން 100 އެއްހާ މީހުން ކަމަށެވެ. އަދި މާލޭ ޖަލުގައި ތިބި މީހުން ހަމަނުޖެހުން ހިންގީ، މާފުށީ ޖަލުގައި ކަމެއް ހިނަގއިގެން އުޅޭތީ އެކަމުގައި ބައިވެރިވާން ވެގެން ކަމަށް ވެސް މުނާޒް ވިދާޅުވިއެވެ.