ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި 'އަ ކޭސް އޮފް އެކްސްޕްލޯޑިންގް މެންގޯޒް' ގެ ކޮޕީތައް، ޕާކިސްތާނުގެ ބާޒާރުތަކުން ކުށްލި ގޮތަކަށް ނަގާފައިވާކަމަށް އެފޮތް ލިޔުނު ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިޔާ މުޙައްމަދު ހަނީފު ބުނެފިއެވެ.
މީގެ 11 ވަރަކަށް އަހަރު ކުރިން ލިޔެފައި އޮތް މި ފޮތް، ދާދި ފަހުން އުރުދޫ ބަހަށް ތަރުޖަމާ ކޮށްފައިވާއިރު، މި ފޮތުގައި ހިމެނެނީ ޕާކިސްތާނުގެ ކުރީގެ ޚުދުމުޚުތާރު އަސްކަރީ ލީޑަރު، ޒިއާ އުލް-ހައްގަށް ޖަހާފައިވާ ހަޖޫތަކެކެވެ. މީގެ އިތުރުން އަސްކަރިއްޔާގެ އިތުރު އިސްވެރިންތަކަކާ ގުޅޭ ގޮތުންވެސް މި ފޮތުގައި އާދަޔާ ހިލާފު ވާހަކަތަކެއް ވަނީ ހިމަނާފައެވެ.
ޕާކިސްތާނުން ރެއިޑެއް ޖަހާ ކަރާޗީގައި ފޮތް ޝާއިއުކުރަމުންދިޔަ ޕަބްލިޝާސްގެ ސްޓޮކުންނާ، އިސްލާމްއާބާދާއި ލާހޯރްގެ ފޮތްވިއްކާ ފިހާރަތަކުންވެސް މި ފޮތްތައް އަތުލާފައިވާކަމަށް ހަނީފު ވަނީ ހާމަކޮށްފައެވެ.
އެ ފޮތްތައް ގެންދިޔައީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ (އައި.އެސް.އައި)ގެ ނަމުގައި އައި ބައެއް ކަމަށްވެސް ޚަބަރު ލިބެއެވެ.
ޖެނެރަލް ޒިއާގެ ދަރިއަކު ދާދިފަހުން ވަނީ ހަނީފްއާއި ދެކޮޅަށް އަބުރު-ކަތިލުމުގެ ދައުވާއެއްވެސް އުފުލާފައެވެ.
ފޮތްތައް ނެގި މައްސަލައާއި ގުޅިގެން ޕާކިސްތާނުގެ ފުލުހުންގެ ބަހެއް ހޯދުމަށް މީޑިއާއިން ކުރި މަސައްކަތްތަކަށް އެދެވޭ އިޖާބައެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ހަނީފްއަކީ ޕާކިސްތާނު އަސްކަރިއްޔާގައި އެއާ ފޯސް ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އެއަށްފަހު އޭނާ ބަދަލުވީ ނޫސްވެރިކަމުގެ ދާއިރާއަށެވެ. އޭނާ ވަނީ ބީބީސީގައިވެސް މަސައްކަތްކޮށްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް އޭނާ މަޝްހޫރުވެގެން ދިޔައީވެސް 'އަ ކޭސް އޮފް އެކްސްޕްލޯޑިންގް މެންގޯޒް'ގެ ނަމުގައި 2008 ވަނަ އަހަރު ފޮތެއް ޝާއިއު ކުރި ހިސާބުންނެވެ. މި ފޮތުގައި ހިމަނާފައިވަނީ، ޖެނެރަލް ޒިއާގެ ހަޔާތުގެ އެންމެ ފަހު ދުވަސްވަރުގެ ވާހަކަތަކެވެ.
1988 ވަނަ އަހަރު ޖެނެރަލް ޒިޔާ މަރުވީ ވީނުވީ ނޭނގޭ އާދަޔާ ހިލާފު ހާދިސާއެއްގައި މަތިންދާ ބޯޓެއް ވެއްޓިގެންނެވެ. މިހާދިސާގައި، އެމެރިކާގެ އެމްބެސެޑަރެއްގެ ފުރާނަވެސް ގެއްލިފައިވާއިރު، ހާދިސާގެ ތަހުގީގު ރިޕޯޓް އާންމުކޮށްފައެއް ނުވެއެވެ. މިއާއެކު ތަފާތު އެކި ގޮތްގޮތަށް ވާހަތަކަށް ވަނީ ފެތުރިފައެވެ.
'އެކްސްޕްލޯޑިންގް މެންގޯޒް' ނުވަތަ 'ގޮވާ އަނބު'ގެ ވާހަކައަކީވެސް އެފަދަ ގޮތަކަށް ތުންތުން މަތިން ފެތުރުން އަޑެކެވެ. ބުނެވޭ ގޮތުގައި ޖެނެރަލް ޒިޔާ ދަތުރުކުރަމުންދިޔަ މަތިންދާ ބޯޓު ވެއްޓުނީ، ޖެނެރަލް ޒިޔާއަށް ހަދިޔާއަކަށް ދީފައި އޮތް އަނބު ފޮށިގަނޑެއް މަތިންދާބޯޓު ތެރޭގައި ގޮވުމުގެ ސަބަބުންނެވެ.