މާލޭ ޖަލުގައި ގައިދީން ހިންގަމުންދާ ހަޅުތާލުގެ ތެރެއިން ޖަލުގައި ރޯކޮށްލައިގެން ނޫޅޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތުދެމުން ކަރެކްޝަންސް އިން ބުނީ، މާލޭ ޖަލުގައި ރޯކޮށްލައިގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި ޖަލުގައި އެފަދަ ކަމެއް ހިނގައިގެން ނޫޅޭ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެއެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ ޖަލުގައި ތިބި ގައިދީން ދަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއް ހިންގަމުން ކަމަށެވެ. އެގޮތުން ބައެއް ގައިދީން ބައެއް ވަގުތުތަކުގައި ކެއުމަށް އިންކާރުކޮށްފައިވާ ކަމަށާއި، ނަމަވެސް، ކާނާ ނުކެއުމުގެ ސަބަބުން އެއްވެސް ގައިދީއަކަށް ކަމެއް ވެފައި ނުވާ ކަމަށް އޭނާ މައުލޫމާތުދެއެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައި ވާއިރު، މާލޭ ޖަލުގައި ތިބި ގައިދީން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ހިންގަމުންދާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. އަދި މި ހަޅުތާލު ހިންގަމުން ދަނީ ޑޮކްޓަރަށް ދެއްކުން ފަދަ ގައިދީންނަށް ބޭނުންވާ ކަންތައްތައް ކޮށްނުދީގެން ކަމަށް މައުލޫމާތު ލިބެއެވެ.
މާލޭ ޖަލުގައިި ހިންގަމުންދާ ހަޅުތާލުގެ ތެރެއިން ބައެއް ގައިދީންނަށް އަނިޔާކޮށްފައިވާ ފޮޓޯތަކެއް ވެސް ދަނީ ސޯޝަލް މީޑީއާގައި ދައުރުވަމުންނެވެ. އެ ފޮޓޯތަކުން ބައެއް ގައިދީންގެ ގައިގެ އެކިތަންތަނުގައި ހުރި ޒަހަމްތައް ފެންނަން ހުއްޓެވެ. މިކަމާ ގުޅިގެން ކަރެކްޝަންސް އިން ބުނީ، އެއީ ޖަލުގައި ނަގާފައިވާ ފޮޓޯތަކެއްތޯ ބަލާ، އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.
ކަރެކްޝަންސްގެ ބަސް މިހެން ހުރިއިރު، މާފުށި ޖަލުގައި ގައިދީންނަށް ފޯރުކޮށްދޭން ޖެހޭ ހައްގުތައް ކަށަވަރު ނުކޮށްދޭ ކަމަށްވާ ނަމަ ހަޅުތާލު ކުރުން ހުއްޓާ ނުލާނެ ކަމަށާއި އެންމެ ފަހު ވަގުތާ ޖެހެންދެން ހަޅުތާލު ކުރާނެ ކަމަށް ގައިދީން ބުނާ ވާހަކަތަކެއް ވަނީ ހާމަވެފައެވެ. އަދި ޖަލުގައި ހިނގާނީ ޖަލު އޮފިސަރުންގެ ބާރު ކަމަށާއި ގައިދީންނަށް އެއްކަމެއްވެސް ނުކުރެވޭނެ ކަމަށް އޮފިސަރުން ބުނާކަމަށް ވެއެވެ. އަދި ޖަލުތަކުގެ ވެރިޔާ އަބްދުﷲ މުނާޒު ހުންނެވީ ޖަލު އޮފިސަރުންނާ އެކުގައި ކަމަށްވެސް އެވާހަކަތަކުގައި ވެއެވެ.