ރާއްޖޭގެ ގިނަ ބަޔަކު އެންމެ ގިނައިން ހަރަކާތްތެރި ވަމުންދާ އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްވިޓާ އަކީ ކޮންމެ ދުވަހަކުވެސް މުނިފޫހި ފިލުވުމާއި ހިޔާލު ފާޅު ކުރުން އަދި މުހިންމު މެސެޖުތައް ފޯރުކޮށް ދިނުމުގައި ވަރަށް އިސް ދައުރެއް އަދާކުރާ ޕްލެޓްފޯމަކަށް ވާނެއެވެ. ޓްވިޓާއަކީ ރާއްޖޭގެ ސިޔާސީ އިސްވެރިން އެންމެ ގިނައިން ހަރަކާތްތެރިވާ ޕްލެޓްފޯމް ވެސް މެއެވެ.

ކޮންމެ ދުވަހަކުވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާ ޓްވީޓަތައް ހުރެއެވެ. އެގޮތުން، މިއަދު ޓްވިޓާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހޯދި އެއް ޓްވީޓަށްވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހއ. ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އިބްރޭ)ގެ ޓްވީޓެކެވެ.

"މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލެއް" ކަމަށް ވިދާޅުވެ ކެލާ ދާއިރާގެ މެންބަރު ކުރެއްވި ޓްވީޓަކީ، މަސައްކަތްތެރިކަމަށް ލޯބި ކުރާ ގިނަ އަންހެނުންގެ ހިތަށް އަސަރު ކުރުވާ، އަންހެނުން ބާރުވެރި ކުރުމަށް މަސައްކަތް ކުރާ އެތައް ބައެއްގެ ލޭ ކެކުނު އެއްޗެކެވެ. އެތައް ބައެއްގެ ފާޑުކިއުން އިބްރޭ އަށް އަމާޒުވެގެން ދިޔައީ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

ގިނަ ބައެއް ފާޑުކިއުން އަމާޒުވެފައި މިވަނީ އަމިއްލަ ހިޔާލެއް ކަމަށް ވިދާޅުވެ އިބްރޭ ކުރެއްވި ސުވާލަކަށެވެ. އޭނާ އެއްސެވީ، ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް އަންހެނުންނަށް ގޮޑި ކަނޑައެޅުން އަދި އަންހެނުންގެ ކޮމިޓީ އިންތިހާބު ކުރުން މިކަން ކަމަކީ ގައުމުގެ އާބާދީ އިތުރު ވުމަށް ހުރަހަކަށް ނުވާނެ ބާއެވެ.

އިބްރޭގެ ސުވާލުތަކަށް ލިބުނު ގިނަ ޖަވާބުތަކަކީ މަޒާޖީ ޖަވާބުތަކެވެ. އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް، އަންހެނުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ މެންބަރެއްގެ ހައިސިއްޔަތުން މަޖިލީހުގައި ދާއިރާއެއް ތަމްސީލު ކުރައްވާ ފަރާތަކުން މިފަދަ ސުވާލެއް ކުރެއްވުމުން ވާނީ ވެސް އެހެންތާއެވެ.

މިއަދުން ފެށިގެން އަމިއްލަ ހިޔާލު ކުރުން ހުއްޓާލާ

އިބްރޭ އަށް ރައްދު ދެމުން ގިނަ ފަރާތްތަކުން ވަނީ މިއަދުން ފެށިގެން ތިޔަފަދަ ހިޔާލުތައް ކުރެއްވުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި އަންހެނުން މަސައްކަތަށާއި ޒިންމާދާރު ވަޒީފާތަކަށް ނިކުތުމެ، ގިނަ ވަގުތު ވަޒީފާގައި ހޭދަ ކުރުމަކީ އާބާދީއަށް އަސަރު ކުރާނެ ކަމެއް ނޫން ކަން ވެސް ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ. އެގޮތުން، އަންހެނުން އެކަނި ކުރާ މަސައްކަތަކުން އާބާދީ އިތުރު ނުކުރެވޭނެ ކަމަށާއި، އެ ނަޒަރިއްޔާތުން ވިސްނައިފި ނަމަ އަންހެނުން ވަޒީފާއަށް ނިކުތުމާއި ފިރިހެނުން ވަޒީފާއަށް ނިކުތުމަކީ އެއްފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.

ގާނޫނަށް ބަދަލު ގެނައުމުގެ ކުރިން ތިކަމަށް ވިސްނައިލިން ތޯ؟ އޭގައި އޮތް އެއްޗަކާ މެދު ވިސްނާލިންތޯ؟

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 76 މެމްބަރުންގެ އިއްތިފާގުންނެވެ. އަންހެނުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓު ދިނުމަށް ނިންމާ މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ މަހު 5 ވަނަ ދުވަހެވެ. މި ބިލު ފާސް ކުރުމަށް ކެލާ ދާއިރާގެ މެންބަރު ވެސް ވޯޓު ދެއްވާފައިވާއިރު، ބައެއް ފަރާތްތަކުން ވަނީ މިކަމާ މެދު ސުވާލު އުފައްދާފައެވެ. އެގޮތުން، ލާމަރުކަޒީ ބިލަށް ވޯޓު ދެއްވީ، އެ ބިލަށް ގެނެސްފައިހުރި އިސްލާހުތައް ކިޔާ ނުލާތޯ ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލުކޮށްފައެވެ.

ކެލާ ދާއިރާގެ މެންބަރު މިދަފައިން ޓްވީޓް ކުރައްވާފައިވާއިރު، ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ވެސް އަންހެނުން އެބަ ތިއްބެވެ. ރައްޔިތުންގެ މަޖިލީހުގައި ހަތަރު އަންހެން މެންބަރުން ތިއްބެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުގައި 7 އަންހެން ވަޒީރުން އެބަތިއްބެވެ.