ސަމްސަންގް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުމަށް ވެގެންދާނެ ސަމްސަންގް ގެލެކްސީ އެސް 11 ލޯންޗްކުރާނީ އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ކަމަށް އިއުލާންކޮށްފިއެވެ.

މި އިވެންޓް ކުރިއަށްދާނީ އެމެރިކާގެ ސެން ފްރެންސިސްކޯގައި ކަން ސަމްސަންގް ކުންފުނިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޓެކްނޮލޮޖީގެ ދުނިޔޭގެ ހަބަރުތައް ބުނާ ގޮތުގައި ސަމްސަންގްގެ ގެލެކްސީ ސިއްކައިގެ ދަށުން ނެރޭ އެންމެ ފަހުގެ ފޯނަށް ގެލެކްސީ އެސް 11 ނަމުން ނަންދިނުމަކީ ނާދިރު ކަމެކެވެ. ބައެއް ފަރާތްތަކުން ބުރަވާ ގޮތުގައި އެ ފޯނަށް ކިޔާނީ އެސް20އެވެ.

ސަމްސަންގް ކުންފުނިން މިހާރު ދަނީ ގެލެކްސީ ފޯލްޑްގެ 2 ވަނަ މޮޑެލް، މިއަހަރުގެ ތެރޭގައި ތައާރަފުކުރުމަށް މަސައްކަތްތަކެއް ކުރަމުން ކަމަށް އަޑުތައް ފެތުރިފައިވާއިރު، ފެބުރުވަރީ 11 ވަނަ ދުވަހުގެ އިވެންޓްގައި 2 ޑިވައިސްއެއް ފެނިގެންދާނެ ކަމުގެ އިޝާރާތެއް ސަމްސަންގް ކުންފުނިން ވަނީ ދީފައެވެ.

ޓެކްނޮލޮޖީ ދުނިޔޭގެ ސޯޝަލް ވިއުގާގައި އާންމުވެފައިވާ ބައެއް މަންޒަރުތަކަށް ބަލާއިރު ގެލެކްސީ އެސް11 ނުވަތަ ސަމްސަންގްއިން ލޯންޗްކުރާ އާ ފޯނުގައި ސެލްފީ ކެމެރާ ހަރުކޮށްފައި ވަނީ ޑިވައިސްގެ މެދުގައެވެ.

ސަމްސަންގް ކުންފުނިން ދާދިފަހުން ވަނީ، އެސް10 ލައިޓްއާއި ނޯޓް10 ލައިޓްގެ ނަމުގައި 2019 ވަނަ އަހަރުގެ މޮޑެލްތަކުގެ އަގުހެޔޮ ޑިވައިސްތަކެއް ލޯންޗްކޮށްފައެވެ.