އައްޑޫގައި ހިންގާ ފްލައިން ސްކޫލްގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވެއްޓިފައި ވަނީ ސ. ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ފްލައިޓެކެވެ. އަދި މި ހާދިސާ ހިނގި އިރު ފްލައިޓުގައި ތިބީ މީހުންގެ ތެރެއިން އެއްވެސް ފަރާތަކަށް ގެއްލުން ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫގައި ހުންނަ ފްލައިންގް ސްކޫލުން " ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އެވަގުތު އެ ފްލައިޓުގައި ތިބީ ދެ ކްރޫއިން ކަމަށެވެ. ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ފްލައިޓަށް ކުދިކުދި ގެއްލުން ލިބިފައިވާ ކަމަށް އެފަރާތުން ބުނެއެވެ.

ބައެއް މިޑިއާތަކުން މައުލޫމާތު ދޭ ގޮތުގައި އެ ފްލައިޓު ވެއްޓުނު އިރު ދުއްވަން ތިބީ ސްރީލަންކާ ފިރިހެނަކާއި އިންޑިއާގެ އިންސްޓްރަކްޓަރެއް ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ފްލައިޓުގެ ކުރީ ދެ ފުރޮޅުގައި މައްސަލައެއް ޖެހިގެން ކަމަށާއި އަދި މި ހާދިސާގައި ބޯޓުގެ ކުރިމަތީ ބުރަފަތި ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފަދަ ހާދިސާއެއް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ހިނގާފައި ވެއެވެ. އެގޮތުން އެ ހާދިސާގައި ފްލައިން ސްކޫލްގެ ބޯޓު ވެއްޓުނީ ޝަންގްރިއްލާ ކައިރީ ކަނޑަށެވެ.