ޒަމާނީ ޓެކްނޮލޮޖީއާ އެކު ތައާރަފުވެގެން އައި ޑިވައިސްތަކުން ކިތަންމެ ލުއި ފަސޭހަކަމެއް ލިއްބައިދިނަސް ޒާތީ ސިއްރިއްޔާތު އޮތީ ވެއްޔާ މޮޑެވިފައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ޓެކްނޮލޮޖީގެ އެކި ޕްލެޓްފޯމްތަކަށް މި ތުހުމަތު އަމާޒުވަމުންދާއިރު، އަނެއްކާވެސް މިމަޅީގައި ގޫގްލް މިވަނީ ބެދިފައެވެ.

ގޫގްލް ކުރެ އަހާ ސުވާލުތައް ރެކޯޑްކުރަމުން ދާނީ ބައެއް ހާލަތްތަކުގައި ކަމަށް އެކުންފުނިން މީގެ ކުރިން ބުނެފައި ވީ ނަމަވެސް، ގޫގްލް އެޕްލިކޭޝަންތައް އެކްޓިވޭޓްކޮށްފައިވާ މޯބައިލް ފޯނު މެދުވެރިކޮށް ގޫގްލް ކުރެ ސުވާލެއް އަހަން ފަށާ ހިސާބުން، ބަހުން ބަހަށް އެމީހަކު ކިއާ އެއްޗެއް ރެކޯޑްކުރަމުންދާކަން މިހާރު ވަނީ ހާމަވެފައެވެ.

މިކަން ހާމަވެފައިވަނީ ޔޫއެސްއޭ ޓުޑޭއިން ކުރިއަށް ގެންދިޔަ ޓެސްޓްތަކަކުން ކަމަށް ޚަބަރު ލިބެއެވެ.

މިކަން ހިނގަނީ ގޫގްލް އެޕްލިކޭޝަން މެދުވެރިކޮށް މައުލޫމާތެއް ހޯދުމަށް ކީބޯޑްމަތީގައި އިނގިލި ހިނގާ އުސޫލު ރެކޯޑްކުރާ ބީދައިން ކަމަށްވެއެވެ. ގޫގްލް ކްރޯމް ބްރައުޒާ ބޭނުންކޮށްގެން ކީބޯޑްގައި ޖަހާ ކޮންމެ އަކުރަކީ ގޫގްލްއިން ރެކޯޑްކޮށް، ޓްރެކްކުރާ އަކުރެކެވެ. ނުބަތަ ހަރަކާތެކެވެ. މިފަދައިން، ގޫގްލް އެޕް މެދުވެރިކޮށް ބޭނުންކުރާ އޯޑިއޯ މެސެޖުތައްވެސް ރެކޯޑްކުރެއެވެ. އެކަން ކުރަނީ ކަސްޓަމަރުންގެ ބޭ އިހުތިޔާރުގައި އެ ހުއްދަވެސް ހޯދައިގެންނެވެ. އެއީ ފޯނަށް ގޫގްލް އެކައުންޓްއެއް ސެޓްކުރާއިރު އޮންނަ ކުޑަކުޑަ މާއްދައެކެވެ. އެ މާއްދާ ބުނާ ގޮތުގައި ގޫގްލް އެޕް މެދުވެރިކޮށް އަޑާ މަންޒަރު ބޭނުންކޮށްގެން ކުރާ ކޮންމެ ހަރަކާތެއް ރެކޯޑްކުރުމުގެ ހުއްދަ، ކަސްޓަމަރުގެ ފަރާތުން ގޫގްލް ކުންފުންޏަށް ލިއްބައިދޭކަމަށް ޔޫއެސްއޭ ޓުޑޭއިން ބުނެއެވެ.

ގޫގްލްއިން މިހާރު ވަނީ މިކަމަށް އިއުތިރާފުވެސްވެފައެވެ. ޔޫއެސްއޭޓުޑޭ އިން ބުނާ ގޮތުގައި، ގޫގްލްއިން މިކަން ކުރަނީ ގޫގްލް އެސިސްޓަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މި ރެކޯޑިންގްއެއް ހިނގަނީ، ގޫގްލް ޑިވައިސް މެދުވެރިކޮށް، މައިކްރޮފޯންއަށް ފިއްތާލާ ހިސާބުން ކަންވެސް މިހާރު ވަނީ ހާމަވެފައެވެ.