ސޫދާންގެ ވެސްޓް ދާރުފޫރު ސްޓޭޓަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓި، 18 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

މި ބޯޓު ވެއްޓިފައިވަނީ ވެސްޓް ދާރުފޫރު ސްޓޭޓްގެ ވެރިކަން ކުރާ އެލް ޖެނޭއިނާގެ ވައިގެ ބަނދަރަކުން އުދުއްސާލިތާ 5 ވަރަކަށް މިނެޓްގެ ތެރޭގައެވެ.

މި މަތިންދާ ބޯޓަކީ މިފަހަކަށް އައިސް ނަސްލީ ބޮޑެތި ދެބަސްވުންތަކަކާ ކުރިމަތިލުންތަކެއް ހިންގަމުންދާ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދިޔަ ބޯޓެއް ކަމަށް މައުލޫމާތު ލިބެއެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު އާމިރު މުޙައްމަދު އަލް-ހަސަން ވިދާޅުވީ، މަރުވި މީހުންގެ ތެރޭގައި ބޯޓުގެ ކުރޫއިންގެ ގޮތުގައި މަސައްކަތް ކުރި 7 މީހުންނާ، 3 ފަނޑިޔާރެއްގެ އިތުރުން އާންމުންގެ 8 މީހަކު ހިމެނެއެވެ. އާންމުންގެ 8 މީހުންގެ ތެރެއިން 4 މީހުންނަކީ ކުޑަކުދިންނެވެ.

އެންޓޮނޯވް 12 މަރުކާގެ މަތިންދާ ބޯޓު ވެއްޓެން މެދުވެރިވި ސަބަބެއް އަދި ކަށަވަރުވެފައި ނުވާއިރު، ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އަލް-ހަސަން ވަނީ ވިދާޅުވެފައެވެ.

ވެސްޓް ދާރުފޫރު ސަރަހައްދުގައި އުފެދިފައިވާ ނަސްލީ ކޯޅުންގަނޑުގައި މި ހަފުތާގައި އެކަނިވެސް 48 މީހުން މަރުވެ، 241 މީހަކު ޒަހަމްވެފައިވާކަމަށް ސޫދާން ރެޑް ކްރެސެންޓްއިން މައުލޫމާތު ދެއެވެ.