އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޝެއިހް މުހައްމަދު އަނީލް ތައުރީފު ކުރައްވައިފިއެވެ.
އައްޑޫގައި ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި އަލަށް އިމާރާތްކޮށްފައިވާ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ތައުރީފު ކުރައްވަމުން ޝެއިހް އަނީލް ވިދާޅުވީ، އެ ހޮސްޕިޓަލަކީ ވަރަށް ފުރިހަމަ ރިވެތި އިމާރާތެއް ކަމަށެވެ. އަދި މި ހޮސްޕިޓަލުގެ ހިދުމަތްތަކަކީ ގިނަ އުއްމީދުތަކަކާއި ގުޅިފައިވާ މުހިއްމު ހިދުމަތެއް ކަމަށް ޝެއިހް އަނީލް ސިފަ ކުރެއްވިއެވެ.
ޓާޝަރީ ހޮސްޕިޓަލަށް އަނީލް ތައުރީފު ކުރައްވާފައިވާއިރު، އަނީލް ވަނީ އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފުރިހަމަކޮށް ދިނުމަށް ހޮސްޕިޓަލުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް ވެސް ވިދާޅުވެފައެވެ.
ލެބޯޓްރީއާއި ރޭޑިއޮލޮޖީއާއި ސީޓީ ސްކޭންއާއި އެކްސްރޭއާއި މެމޮގްރާމްއި ބޯން ޑެންސިޓީ މެޓްރިކްގެ ހިދުމަތްތަކާއެކު 100 އެނދުގެ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފަށަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ވަނަ ދުވަހެވެ. ނަމަވެސް އެކަށީގެންވާ ތައްޔާރީތައް ވެފައި ނެތުމުގެ ސަބަބުން، އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ހިދުމަތްތައް ފެށުން ވަނީ ފަސްކޮށްފައެވެ. ހެލްތް މިނިސްޓްރީން ބުނީ ތައްޔާރީތައް މުޅިން ނިމި، އެ ހޮސްޕިޓަލުގެ ހިދުމަތްތައް ފެށޭނެ ދުވަހެއް އަދި ބުންނަ ނޭނގޭ ކަމަށެވެ.
މި ހޮސްޕިޓަލާއި ބެހޭގޮތުން ހެލްތް މިނިސްޓްރީން ވަނީ، ހިތަދޫގައި އަލަށް އިމާރާތްކޮށްފައިވާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމާފައެވެ. އަދި އާ ހޮސްޕިޓަލުގައި މަސައްކަތް ކުރާނީ، ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރި މުވައްޒަފުން ކަމަށާއި، އެ ހޮސްޕިޓަލް އުވާލިއަސް، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ނުދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
އާ ވަސީލަތްތަކާއި އެކު އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމަށް ހަމަޖައްސާފައި ވަނީ މިހާރު ވެސް ރީޖަނަލް ހޮސްޕިޓަލުގައި ބޭނުން ކުރަމުންދާ ވަސީލަތްތަކާއި، މުދަލާ ވެސް އެކު ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިވަގުތު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުންނާއި 73 ނަރުހުން ތިބިކަމަށް ވެސް ހެލްތް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.
އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ތިޔަ ޔާމީނު ހެދި ތަނެއް...މޮޔަޔާ