ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފިއެވެ.
ކުރީގެ ރައީސް މައުމޫން ރޯގާގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހުއެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ރޯގާގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުން ހޮސްޕިޓަލަށް ވަޑައިގަތުމުން ޓެސްޓުތައް ހެދުމުގެ ގޮތުންނެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅު ކަމަށާއި މިއަދު ގެއަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑަށް ﷲ ދެއްވި އެކި ނިއުމަތްތަކަށް ޝުކުރުވެރިވަން، އޭގެ އިތުރުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުން ދެއްވި އެހީތެރިކަމާއި ބެހެއްޓެވި ޕްރޮފެޝަނަލްކަމަށް ޝުކުރު ދަންނަވަން،" ރައީސް މައުމޫންގެ ޓްވީޓުގައިވެއެވެ.
ރާއްޖޭގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވި ރައީސް މައުމޫނަކީ މިހާރު ސިޔާސީ ޕާޓީ އެމްއާރްއެމްގެ ލީޑަރެވެ. މިދިޔަ އާދީއްތަ ދުވަހަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.