މެނޫއިން ލިބެން ހުންނަ އައިޓަމްތަކުގެ ފެންވަރު ރަނގަޅުކޮށްގެން ނުވަތަ އަގަށް ބަދަލު ގެނެސްގެން ކަސްޓަމަރުން އިތުރު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، ކާބޯތަކެއްޗަށް މަސްތުވާތަކެތި އަޅައިގެން އެކަން ކުރަމުންދިޔަ ޗައިނާގެ ރެސްޓޯރަންޓެއް ފަޅާއަރައިފިއެވެ.
ޗައިނާގެ ގުއާންގްޝީ ޕްރޮވިންސްގައި ހިންގަމުންދިޔަ ރެސްޓޯރަންޓުގެ ނޫޑްލްސް ރެސިޕީ އިތުރަށް ފުރިހަމަ ކުރުމުގެ ބަދަލުގައި އެ ރެސްޓޯރަންޓުން ބޭނުންކުރަމުންދިޔައީ އަފިހުން ނުވަތަ އޯޕިއަމްއެވެ. މިއާއެކު ގިނަ ކަސްޓަމަރުންތަކެއް އެ ނޫޑްލްސްއަށް ދެވި ހިފަމުންވެސް ދިޔައެވެ.
މި ރެސްޓޯރަންޓުން އެކަން ކުރާކަން ހާމަވީ، ފުލުހުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަންއެއްގައި، މީހަކު މޯފީންއަށް ޕޮޒިޓިވްވި ހިސާބުންނެވެ. އެމީހާއަކީ އެއްވެސް އިރެއްގައި އެފަދަ އެއްޗެއް ބޭނުންކުރި ނުވަތަ އެފަދަ ކަމަކާ ގާތްވިވެސް މީހެއް ނޫންކަމަށާ، ކިރިއާވެސް އޭނާ ބޭރުން ބޭނުންކުރި އެއްޗެއް ބޭނުންކޮށްފައި ވާނީ އެ ރެސްޓޯރަންޓުންކަމަށް ފުލުހުންގެ ގާތުގައި އެމީހާ ބުނި ކަމަށްވެއެވެ. އެކަން އިތުރަށް ދިރާސާކުރުމަށް ފުލުހުން އެ ރެސްޓޯރަންޓަށް ދިޔަ ކަމަށާ، ބެލި ބެލުމުން، ނޫޑްލްސް އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންކުރަން ތައްޔާރުކޮށްފައި ހުރި ޕައުޑަރު ޕެކެޓުގައި ހުރި މާއްދާ މޯފީންއަށް ޕޮޒިޓިވްވި ކަމަށް ޚަބަރު ލިބެއެވެ.
މި ރެސްޓޯރަންޓް ހިންގަމުންދިޔަ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އެކަން އެގޮތަށް ކުރާ ކަމަށާ، ކާއެއްޗިއްސަށް މަސްތުވާތެކެތި އަޅަމުންދިޔައީ ކަސްޓަމަރުން ދެވި ހިފާ ގޮތް ހެދުމަށްކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ. އެމީހާ ކިޔައިދިން ގޮތުގައި ރެސްޓޯރަންޓް ބޭނުންވާ ވަރަށް އަފިހުން ޕައުޑަރު ހަދަނީ އޭނާ އަމިއްލައަށެވެ. އެކަމަށް ބޭނުންވާ އަފިހުން ގަސްތަކަކީ އޭނާ އަމިއްލަ ހައްދައިގެން އުޅޭ ގަސްތަކެއް ކަމަށްވެސް އެމީހާ ވަނީ ބުނެފައެވެ.
ޗައިނާގައި ތައްޔާރުކުރާ ނޫޑްލްސްގެ ބާވަތްތަކުގައި އަފިހުން ބޭނުންކުރާ މައްސަލަ ފެންމަތިވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2014 ވަނަ އަހަރުގެ ތެރޭގައިވެސް މިފަދަ ކަމެއް ޗައިނާގައި ވަނީ ފެންމަތިވެފައެވެ.