މާދަމައިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

މިކަން އިއުލާން ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ގާނޫނުގައި އޮންނަ އުސޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު ނިންމަވައިފިވެ.

ކުޅުދުއްފުށްޓަކީ ސިޓީއެއް ކަމަށް ނިންމަވާފައި ވަނީ، އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، 10000 މީހުން ހަމަވެ، ސިޓީއެއްގެ ދަރަޖަ އެ ރަށަށް ސަރުކާރުން ދީފައި ނުވާތީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރުމަށް ކުޅުދުއްފުށީ ބައެއް ރައްޔިތުން ނިންމާފައި ވަނިކޮށެވެ.

ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމާ އެކު، ރާއްޖޭގައި ހުރި ސިޓީ ތަކުގެ އަދަދު 4 އަކަށް އެރީއެވެ. މިހާރު ރާއްޖޭގައި ސިޓީގެ ދަރަޖަ ދީފައި ވަނީ ވެރިކަން ކުރާ ރަށް ކަމަށްވާ މާލެ، އައްޑޫ އަދި ފުވައްމުލަކަށެވެ.

މާލެ ސިޓީގައި 60،000 އަށްވުރެ ގިނަ އާބާދީއެއް އޮންނަ އިރު، އައްޑޫގައި 30،000 އާއި 60،000 ދޭތެރޭގެ އާބާދީއެއް އޮވެއެވެ. އަދި ފުވައްމުލައް ސިޓީގައި އޮންނަނީ 10،000 އާއި 30،000 ދޭތެރޭގެ އާބާދީއެކެވެ.