ކުރިއަށް އޮތް 2020 ވަނަ އަހަރު އެ ކުންފުނީގެ އެންމެ ހާއްސަ ސަމާލުކަމެއް ދޭނީ، ކުންފުނި 'ކަފުން ކުރަން ނުޖެހި' ދެމި އޮވެވޭތޯ ކަމަށް މަޝްހޫރު ޓެލެކޮމް-ޓެކްނޮލޮޖީ ކުންފުނި، ވާވޭއިން ބުނެފިއެވެ.

މީލާދީ އާ އަހަރާ ގުޅުވައިގެން އެކުންފުނިން އާންމު ބަޔާނެއްގައި ވާވޭއިން ބުނީ، 2019 ވަނަ އަހަރު ވިޔަފާރި އާމްދަނީގެ ގޮތުގައި އެކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީ އުޅޭނީ ކުރިން ލަފާކުރި މިންވަރުތަކަށްވުރެ ދަށުގައި ކަމަށެވެ.

ވާވޭއަކީ ފައިވް-ޖީ ޓެކްނޮލޮޖީ މާކެޓަށް ބައިނަލްއަގުވާމީ ފެންވަރުގައި އެންމެ ފުޅާ ދާއިރާއެއްގައި މުދާ ސަޕްލައި ކުރަމުންދާ ކުންފުނި ކަމުގައި ވީ ނަމަވެސް، ވާވޭގެ ކުރިމަގު ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވަނީ، ދުނިޔޭގެ އެންމެ ނުފުޒޫގަދަ އިގުތިސޯދުގެ މަގާމަށް ވާދަކުރަމުން އަންނަ އެމެރިކާއާއި ޗައިނާގެ ވިޔަފާރި ހަނގުރާމަ ގަދަވެ، ޗައިނާއާއި ދެކޮޅަށް އެމެރިކާއިން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ވާވޭއަކީ ޗައިނާގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ، އަދި އަސްކަރިއްޔާގެ ހަތިޔާރެއް ކަމަށް ބުނެ، އެމެރިކާއިންވަނީ ވާވޭއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ކަނޑައަޅާފައެވެ.