ވަދާއުގެ ސަލާމް ކުރަމުން މިދާ 2019 ވަނަ އަހަރަކީ، މީގެ 8 ވަރަކަށް އަހަރު ކުރިން މުޅި ދުނިޔެ ސިއްސުވާލި 'އަރަބި ބަހާރު'ގެ އަޑުފައްގަނޑު ގިނަ ބަޔަކަށް ތަކުރާރުވެގެންދިޔަ އަހަރެކެވެ.

އަލްޖަޒާއިރު، ސޫދާން، އިރާގު، ލުބްނާނު އަދި އީރާނުގެ ރައްޔިތުން، އެ ގައުމުތަކުގެ ސަރުކާރާ ދެކޮޅަށް ނިކުތެވެ. ކޮރަޕްޝަންއާއި، ހުއްޓިފައިވާ އިގުސޯދުތަކާ، މިފަދަ އެތައް މައްސަލައަކާ ހެދިއެވެ. ކޮޅެއްގައި ނުޖެހުނު އިންތިހާބުތަކާ ސުލްހައިގެ އެއްބަސްވުންތައްވެސް 2019ގެ ޑައިރީއިން ޖާގަ ހޯދިއިރު، އިސްރާއީލާ ފަލަސްތީނުގެ ސުލްހައިގެ މައްސަލަވެސް ދިގުލާ ދިޔައީއެވެ. ޔަމަނުގެ ހަނގުރާމައާއި އިންސާނީ ކާރިސާގެ އިތުރުން މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގައި ކުރި 'ޓޭންކަރު' ހަނގުރާމަ ތަކުގެ ވާހަކަވެސް ނުދައްކާ ދޫކޮށްލެވޭކަށް ނެތެވެ.

އިސްރާއީލުގެ އުދުވާންތަކުގައި ރަބަރު ވަޒަނެއް އަރާ ލޮލުގެ ފެނުން ގެއްލުނު ފަލަސްތީނުގެ ފްރީލާންސް ޖާނަލިސްޓް މުއާޒް (ވ) އަށް ހަމަލާ އަމާޒުވުމުން މީހަކު އޭނާއަށް އެހީވަނީ/ފޮޓޯ: އާރްޓީ

އަރަބި ބަހާރު 2.0؟

ވެރިކަމުގެ 5 ދައުރަކަށް ވާދަކުރައްވަން ނިކުންނަވާނެ ކަމަށް އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒު ބޫތުފްލިގާ އިއުލާންކުރެއްވުމާއެކު އެތައް ހާސް ރައްޔިތުންނެއް ސީދާ ހަރަކާތަށް ނިކުތީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އޭޕްރިލް މަހާ ހިސާބަށް މުޒާހަރާތައް ދެމިގެންދިޔައެވެ. އަސްކަރިއްޔާގެ އިސްވެރިޔާ އަހުމަދު ގާއިދު ސޮލާހުގެ ވަރުގަދަ އިހުތިޖާޖަކާއެކު ވެރިކަމުން އިސްތިއުފާ ދެއްވުމަށް ބޫތުފްލިގާއަށް މަޖުބޫރުވިއެވެ. ނަމަވެސް ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތައް ދިޔައީ އަދިވެސް ކުރިއަށެވެ. ރައްޔިތުން ބޭނުންވީ މޫލާ ހެދި، ގޮފި ފަޅައިގެން ފެތުރިގެންދާފަދަ އިސްލާހީ ބަދަލުތަކެއް އެގައުމަށް ގެނައުމަށެވެ.

20 އަހަރު ދުވަހަށްފަހު އަލްޖަޒާއިރުގެ ރިޔާސަތުން އިސްތިއުފާ ދެއްވި ޢަބްދުލްޢަޒީޒު ބޫތުފްލިޤާ/ފޮޓޯ: ގެޓީއިމޭޖަޒް

ރިޔާސީ އިންތިހާބަކާ ހިސާބަށް އަލްޖަޒާއިރަށް އާދެވުނީ މި ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް އެއީވެސް މުޅިން ސުލްހަވެރި އިންތިހާބަކަށް ނުވިއެވެ. ކެންޑިޑޭޓުންގެ ލިސްޓުގައި، ބޫތުފްލިގާގެ އަރިސް މެމްބަރުން ތިއްބެވިކަން ފާހަގަކޮށް، މުޒާހަރާގެ ބައިވެރިން ދިޔައީ އިންތިހާއަށް ދެކޮޅު ހަދާ، އިންތިހާބަށް އިންކާރު ކުރަމުންނެވެ.

ސޫދާންގައިވެސް ހިނގާދިޔައި ދާދި މިޒާތެއްގެ ކަމެކެވެ. އެގައުމުގެ ޚުދުމުޚުތާރު ލީޑަރު އުމަރު އަލް-ބަޝީރުގެ 30 އަހަރުވީ ވެރިކަން ވައްޓާލީ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުއެވެ. އެއީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރި މުޒާހަރާތަކުގެ ނަތީޖާއެވެ. ސުލްހަވެރި ރޫހެއްގައި ކުރިއަށްދިޔަ މުޒާހަރާތައް ނުރައްކާވީ، ޖޫން މަހުގެ ތެރޭގައެވެ. އެއީ ވެރިރަށް ހާރުތޫމްގައި ކުރިއަށްދިޔަ ސުލްހަވެރި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއާއިއެކުގައެވެ. މި ހަމަލާގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން 120 މީހެއްގެ ފުރާނަ ގެއްލި، ސުލްހަވެރި މުޒާހަރާތަކުގެ ރޫހު ބަދަލުވިއެވެ.

މިއަހަރުގެ އޭޕްރިލްމަހު މަގާމުން ދުރުކުރެވިފައިވާ ސޫދާންގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރު (މ) ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ކާރުކޮޅަށް އަރުވަނީ/ފައިލް ފޮޓޯ: ރޮއިޓާޒް

ކަންމިހެން އޮތް ނަމަވެސް، މާ ގިނަ ދުވަހެއް ނުވެ، ސޫދާންގެ ވަގުތީ ސަރުކާރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުވާ ކުރިއެވެ. އަދި ފުރިހަމަ ސަރުކާރެއް އެކުލަވާލުމަށް އިންތިހާބެއް ބާއްވާނީ 2022 ވަނަ އަހަރުގެ ތެރޭގައި ކަމަށް ހަމަޖެއްސިއެވެ.

އިރާގުގެ ޚުދުމުޚުތާރު ލީޑަރު ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމަށް 2003 ވަނަ އަހަރު އެގައުމުގައި ކުރި ވަރުގަދަ މުޒާހަރާތަކަށްފަހު އެވަރުގެ މުޒާހަރާއެއް އިރާގުން ދެން ފެނިގެންދިޔައީ މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 'ތިޝްރީން އިންގިލާބު'ގެ ނަމުގައި ވެރިރަށް ބަގުދާދުން ފެށި މުޒާހަރާތައް އިސާހިތަކު މުޅި ގައުމަށް ފެތުރުނެވެ.

ކޮރަޕްޝަން އިތުރުވުމާ، ވަޒީފާ ނުލިބުމާ، އާންމު ހިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން ރައްޔިތުން ކުރަމުންދިޔަ މުޒާހަރާތައް، އިރާގުގެ ސިޔާސީ ނިޒާމު އޯވާހޯލް ކުރަން ޑިމާންޑްކުރި މުޒާހަރާތަކަކަށް ބަދަލުވިއެވެ. އަދި އިރާގުގެ ދާހިލީ ކަންކަމަށް އިރާނުން ގޮތް ކިޔާ، ނުފޫޒު ފޯރުވާ ކަމަށް ބުނެ، މުޒާހަރާތަކުގެ ރޫހު، ހާރިޖީ ހަނގުރާމައިގެ ރޫހަކަށް ބަދަލުވިއެވެ.

އިރާގުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުމެއް ހިންގަނީ/ފޮޓޯ: އަހުމަދު ޖާދުﷲ

ނަތީޖާއަކަށްވީ ނޮވެމްބަރު މަސް ނިމެންދަނިކޮށް އިރާގުގެ ބޮޑުވަޒީރު ކަމުގެ މަގާމުން، އާދީލް އަބްދުލް މަހްދީ އިސްތިއުފާ ދެއްވުމެވެ. ނަމަވެސް، އާ ބޮޑުވަޒީރަކު އިންތިހާބު ކުރުމަށް، ހާޖާނު ބޮޑު ގާނޫނު ހަދާ މަޖިލީހަށް ގޮތެއް ނުނިންމުމުގެ ސަބަބުން، ވަގުތީ ސަރުކާރުގެ ހުންގާނުގައި ދެމި ހުންނެވުމަށް އާދިލް ނިންމެވިއެވެ.

އޮކްޓޯބަރު މަސް ވެގެންދިޔައީ ލުބްނާނުގައިވެސް ވަރުގަދަ މުޒާހަރާތަކެއް ފެށިގެން ދިޔަ މަހަކަށެވެ. ރައްޔިތުން ޑިމާންޑް ކުރަމުންދިޔައީ ލުބްނާނުގެ ސިޔާސީ ނިޒާމުވެސް އޯވާހޯލް ކުރުމަށެވެ. ދީނީ ބައިބައިވުންތަކެއް އޮތް ލުބްނާނުން އެކަން ނައްތާލުމަށް ރައްޔިތުން ގޮވަމުންދިޔަ ދިއުމަށް އަދިވެސް ފުރިހަމަ އަށް ހާސިލުކުރެވިފައެއް ނުވެއެވެ.

ލުބްނާނުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ބައިވެރިއެއް/ފޮޓޯ: މިޑްލް އީސްޓް އައި

އާންމުންގެ ޑިމާންޑްތަކާއެކު ބޮޑުވަޒީރު ކަމުގެ މަގާމުންދާ ސާދު ހަރީރީ އިސްތިއުފާ ދެއްވީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އެއާއެކު ބޮޑޫވަޒީރު ކަމުގެ މަގާމަށް ހަސަން ދިއާބް ހަމަޖެއްސެވީ ސީދާ ލުބްނާނުގެ ރައީސް މިޝެލް އައޫންއެވެ. ނަމަވެސް މިއީވެސް ރައްޔިތުން ގަޔާވި ނިންމުމެއް ނޫނެވެ.

ލުބްނާނުގެ މަސްރަހު ހަމައަކަށް ނޭޅި އުޅެނިކޮށް އީރާނުގެ ރައްޔިތުންވެސް މުޒާހަރާއަށް ނިކުތެވެ. އެއީ ހަކަތައިގެ އުފެއްދުންތަކުން ނަގަމުން އައި ފީ 50 ޕަސެންޓް ބޮޑުކުރުމަށް އީރާނުގެ ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. 200000 އެއްހާ މީހުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފެށުމާއެކު ކަމާބެހޭ ފަރާތްތަކުން އެކަށީގެން ނުވާ މިންވަރަކަށް ބާރުގެ ބޭނުން ކުރި ކަމުގެ އަޑުތައް ފެތުރިގެން ދިޔައެވެ. އެގޮތުން މި މުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު 200 އަށްވުރެ މައްޗަށް އަރައިގެން ދިޔައީ ކަންބޮޑުވާހާ ހަލުވި މިނެއްގައެވެ.

އިންތިހާބީ ހާޖާނު

2019 ވަނަ އަހަރަކީ މެދުއިރުމަތީގެ އިންތިހާބުތަކަށްވެސް އާދަޔާ ހިލާފު އަހަރެކެވެ. އިސްރާއީލުގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ލީޑަރަކު އިންތިހާބު ކުރުމަށާ، އެގައުމުގެ އާ ސަރުކާރު އެކުލަވާލުމަށް މިއަހަރު ތެރޭގައި އެކަނިވެސް 2 ފަހަރެއްގެ މަތިން ވަނީ މަސައްކަތްކޮށް، ފެއިލްވެފައެވެ. ނަތީޖާއަކީ، ކުރިއަށް އޮތް 2020 ވަނަ އަހަރުގެ ކުރީ ކޮޅު 3 ވަނަ އަހަރަށް 1 އަހަރު ދުވަހުގެ ތެރޭ، އާންމު އިންތިހާބެއް ބޭއްވުމަށް އިސްރާއީލަށް މަޖުބޫރުވުމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ (ކ) އަދި އިދިކޮޅު ލީޑަރު ބެނީ ގެންޓްޒް (ވ) އާންމު އިންތިހާބުގައި ވޯޓު ދެއްވަނީ/ފޮޓޯ: ރޮއިޓާޒް

ސުލްހަވެރި އިންތިހާބުތަކެއްވެސް މިއަހަރު ފެނިގެންދިޔައިރު ތޫނިސްގެ ވާހަކަ ފާހަގަކުރަންޖެހެއެވެ. އެގޮތުން މާ ބޮޑު ކެމްޕޭނެއް ނުކޮށް، ތޫނިސްގެ ރިޔާސީ އިންތިހާބުގައި 72.71 ޕަސެންޓްގެ ތާއީދެއް ހޯއްދަވައިގެން އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ކާއިސް ސައީދުގެ ނަންފުޅު ފާހަގަކުރަންޖެހެއެވެ.

އަލްޖަޒާއިރުގެ އިންތިހާބަށް ބަލާއިރު އެއީ އެތައް ހާސް ބަޔަކު ބޮއިކޮޓް ކުރި އިންތިހާބެކެވެ. ޢަބްދުލްމަޖީދު ތިބޫނީއަށް ރައީސްކަން ކަށަވަރުކުރެއްވުނު ނަމަވެސް ރައްޔިތުން އެކަމަކާ ނުރުހުނެވެ. އެހެންކަމުން ރައްޔިތުންގެ ސިލްސިލާ މުޒާހަރާތައް އަދިވެސް ކުރިއަށް ގެންދާނެކަން ވަނީ ހާމަކޮށްފައެވެ.

ސޫރިޔާގެ އިދްލީބު ސުންނާފަތި ކުރުން

ސޫރިޔާގެ ހުޅަނގު-އުތުރުގައި އޮންނަ އިދްލީބްއަކީ ގާތްގަނޑަކަށް 3 މިލިއަނެއްހާ މީހުންގެ ވަޒަނެވެ. އެތަނުގައި ތިބި ބައެއް މީހުންނަކީ ސޫރިޔާގެ ޒަމާޏްވީ ހަނގުރާމައިގެ ސަބަބުން މިހާރުވެސް ރެފިއުޖީންނަށް ވެފައި ތިބި މީހުންނެވެ. ކަންމިހެން އޮތްއިރު އިދްލީބްއަކީ ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ފަރާތްތަކުގެ ބޮޑު ކޮންޓްރޯލް އޮތް ހަމައެކަނި ސަރަހައްދު ކަމުގައިވެސް ދެންނެވިދާނެއެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސަށް އަމާޒުކޮށް އެގައުމު އަސްކަރިއްޔާއާއި ރަޝިޔާގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތައް އަމާޒުވި ސަރަހައްދު ސުންނާފަތިވެފައި/ފޮޓޯ: ވައިޓް ހެލްމެޓްސް

އިދްލީބުގެ ކޮންޓްރޯލް ނެގުމަށް އަސަދުގެ އަސްކަރިއްޔާއިން، ރަޝިޔާގެ އެއްބާރުލުމާއެކު އިދްލީބަށް ހަމަލާ ދޭން ފެށީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ. އދއިން ލަފާކުރާ ގޮތުގައި އިދްލީބު އޮޕަރޭޝަންއާއި ގުޅިގެން މިއަހަރުގެ އޭޕްރިލް މަހާ އޯގަސްޓް މަހާ ދެމެދު 400000 އެއްހާ މީހުން ވަނީ އިދްލީބު ދޫކޮށް، އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. އިދްލީބުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެކި ފަހަރު މަތިން އެއްބަސްވުންތައް އެކުލަވާލާ، އެކަން ތަންފީޒުކޮށް، އަނެއްކާވެސް ހަމަލާ ބަދަލުކުރުންތަކަށް ބަދަލުވަމުން ގޮސް ޑިސެމްބަރު މަހުގެ ތެރޭގައިވެސް ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. ޑިސެމްބަރު މަހުގެ އޮޕަރޭޝަންތަކާ ގުޅިގެން އެކަނިވެސް 200000 އެއްހާ މީހުން އިދްލީބުން ނިކުމެފައިވާކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.

އެމެރިކާއިން ސޫރިޔާ ދޫކޮށްލުމާއެކު ތުރުކީއިން ސޫރިޔާ ހިފުން

ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބާލާނެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާންކުރެއްވުމާއެކު، ސޫރިޔާއަށް އަސްކަރީ ގޮތުން ނުފޫޒު ފޯރުވަން ފެއްޓެވީ ތުރުކީވިލާތުގެ ރައީސް، ރަޖަބު ތޮއްޔިބު އުރުދުގާންއެވެ.

ތުރުކީވިލާތުގެ އަސްކަރިއްޔާއިން ސޫރިޔާގައި ހަމަލާދޭން ފެށުމަށް ސޫރިޔާއަށް ވަންނުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން އުފެދުނު ރެފިއުޖީ ކާރިސާގެ އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދާ ތުރުކީވިލާތުން ވަނީ، ސޫރިޔާގައި ސޭފްޒޯންއެއް ގާއިމުކޮށް، އެސަރަހައްދަށް ރެފިއުޖީން ބަދަލު ކުރުމުގެ ނަމުގައި، އެސަރަހައްދުން ކުރުދީ ހަނގުރާމަވެރިން ބޭލުމަށް ކަމަށް ބުނެ ސޫރިޔާއާއި ތުރުކީވިލާތް ހިއްސާކުރާ ބޯޑަރު ސަރަހައްދުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ.

އިސްރާއީލާ ފަލަސްތީނުގެ ސުލްހައިގެ މަޝްރޫއު

މިއީ އަދިވެސް އެ މައްސަލައަކަށް ހައްލު ލިބިފައި ނުވާ، އަދި މިއިން ދުވަހަކު ހައްލު ވެދާނެ ކަމުގެ އިޝާރާތެއްވެސް ލިބިފައި ނުވާ، މެދުއިރުމަތީގެ ބޮޑު ކާރިސާއެވެ.

މެދުއިރުމަތީގެ މަސްރަހާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލަފާއަރުވާ މުޝީރު އަދި ދަނބިދަރިކަލުން ޖެރާޑް ކުޝްނާ/ފޮޓޯ: ރޮއިޓާޒް

'ގަރުނުގެ އެއްބަސްވުމުގެ' ގޮތުގައި އިސްރާއީލާއި ފަލަސްތީނު ސުލްހަ ކުރާނެ އެއްބަސްވުމެއް ގެނެސްދޭނެކަމަށް ބުނެ އެމެރިކާއިން ދައްކަމުންދާ ވާހަކަތަކަށްވެސް މާ ބޮޑު ކުރިއެރުންތަކެއް މިއަހަރު ތެރޭގައި ލިބިފައެއް ނެތެވެ. އެމެރިކާގެ ޕްލޭންތައް ބަލައިގަތުމަށް ފަލަސްތީނުން ނުރުހޭއިރު، އަމަލީ ގޮތުން ފަލަސްތީނަށް ބަރޯސާވެވޭނެ ކަންތައްތަކެއް އެމެރިކާއަކަށް ނުގެނެސްދެވުނެވެ.

އިސްރާއީލުން ދިން ވަރުގަދަ އުދުވާންތަކުގައި ޣައްޒާއިން ޝަހީދުވި ތުއްތު ކުއްޖެއްގެ ޖަނާޒާ/ފޮޓޯ: އަލްޖަޒީރާ

ޓޭންކަރު ހަނގުރާމަ

ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ މައި ރޫޓްކަމަށްވާ ހޮރުމޫޒު ކަނޑު އޮޅިވެގެންދިޔައީ 2019 ވަނަ އަހަރު ކަނޑުމަތީގައި އެންމެ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރެވުނު ސަރަހައްދަށެވެ. އީރާނާ ދެކޮޅަށް އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުން ގެންގުޅެމުންދާ ހަރުކަށި ފިކުރުތަކާއެކު އީރާނުންވެސް ދިޔައީ އެގައުމުގެ އިހުތިސޯސް އާއި ބާރު ހިނގާ ހޮރުމޫޒު ކަނޑުއޮޅިއަށް ނުފޫޒު ފޯރުވަމުންނެވެ.

މި ހަނގުރާމަގަނޑުގެ ތެރެއިން، އަރަބި ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރި ބައެއް ބޯޓުފަހަރަށް ބޮޑެތި ހަމަލާތަކެއް އަމާޒުވިއެވެ. އަދި ކަނޑުމަތީގެ އެހެން ހިސާބުތަކުން ދަތުރުކުރި އީރާނުގެ ބޯޓުފަހަރަށްވެސް ތަފާތު އެކި ކަހަލަ ފިއްތުންތައް ކުރިމަތިވިއެވެ.

މިއާއެކު ދެން ފެނިގެންދިޔައީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާދާއިރާއެއްގައި ތެޔޮ ސަޕްލައިކުރަމުންދާ ސައުދީގެ އަރާމްކޯއަށް ވަރުގަދަ ހަމަލާއެއް ދެވުނު މަންޒަރެވެ. އެކަމުގެ ފަހަތުގައި އޮތީ އީރާނު ކަމަށް އެމެރިކާއާއި ސައުދީ އަރަބިއްޔާއިން ބުނިއިރު، މި ހަމަލާގެ ޒިންމާ އުފުލީ، ޔަމަނުގައި، އީރާނުގެ އެއްބާރުލުމާއެކު ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނެވެ.

ގަލްފް އޮފް އޯމާން ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް ހަމަލާ އަމާޒުވި ތެޔޮ އުފުލާ ޓޭންކަރު އަނދާ ހުލުވަނީ/ފޮޓޯ: އެންވައިޓީ

ޖިނާއީ ބޮޑެތި ކުށްވެރިންތަކެއް ފެނުނު އަހަރެއް

ހިޔާނާތާ ކޮރަޕްޝަންގެ ދައުވާތަކުގައި މިއަހަރު މެދުއިރުމަތިން އެންމެ އާންމުކޮށް ބެދެމުންދިޔަ އެކަކީ އިސްރާއީލުގެ ޚުދުމުޚުތާރު ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫއެވެ. ނަމަވެސް އިންތިހާބުތަކުގައި ނަތަންޔާހޫ ވާދަކުރަމުންދިޔައީ އޭނާއަށް ވަރުގަދަ ނުފޫޒެއްގެ ބޭނުންކޮށްގެން ކަމަށްވާއިރު، ހިޔާނާތާ ކޮރަޕްޝަންގެ ދައުވާތަކަށްވެސް އޭނާ ދަނީ އިންކާރު ކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ/ފޮޓޯ: ރޮއިޓާޒް

އިތުރު މައްސަލަތަކަށް ބަލާއިރު، ސޫދާންގެ އުމަރު އަލް-ބަޝީރުގެ މައްޗަށްވެސް ކޮރަޕްޝަންގެ ދައުވާ އުފުލާ، 2 އަހަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވި މަންޒަރު، އަހަރު ނިމެމުން ދަނިކޮށް ވަނީ ފެނިފައެވެ.

މީގެ އިތުރުން، ސައުދީގެ ސިޔާސީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާއި ގުޅގެން 5 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވީވެސް މިއަހަރުގެ ތެރޭގައެވެ.

ދަންނަ ބޮޑެތި މަރުތަކެއް

މެދުއިރުމަތީގެ މަސްރަހުން 2019 ވަނަ އަހަރު ވަނީ މަރުގެ ޚަބަރުތަކެއްވެސް ގެނެސްދީފައެވެ. އެމީހަކާ މެދު ދެބަޔަކު އިންތިހާއަށް ތަފާތު ދެގޮތަކަށް ވާހަކަ ދައްކަމުންދާ ތޫނިސްގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް ބީޖީ ސާއިދު އިސަބްސީ އަވަހާރަވީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ތޫނިސްގެ ސަޕޯޓަރުން ބުނާ ގޮތުގައި އޭނާއަކީ ޑިމޮކްރަޓިކް އިމުގެ ތެރެއިން ކަންކަން ހިންގެވުމުގައި ކާމިޔާބު ޝަހްސެކެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އޭނާއަކީ ޑިމޮކްރަސީގެ އިޖުރާއަތުތަކަށް ބޭއިހުތިރާމުކުރި ފަރާތެކެވެ.

ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ އިސް ކޮމާންޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ކަމަށް ބުނާ މީހާ/ފޮޓޯ: ދަ ޓެލެގްރާފް

ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމަށްވާ އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަގުދާދީ މަރާލީވެސް މިއަހަރުގެ ތެރޭގައެވެ. ބަގުދާދީ މަރާލާފައިވަނީ ބައިނަލްއަގުވާމީ އެއްބާރުލުމާއެކު އެމެރިކާއިން ހިންގި އަސްކަރީ އޮޕަރޭޝަނެއްގައެވެ.

ސޫރިޔާގެ އިދްލީބް ޕްރޮވިންސްގައި އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަގުދާދީ ދިރިއުޅެމުންދިޔަ ގެ، އެމެރިކާގެ ރެއިޑްގައި ސުންނާފަތިކޮށްލާފަ/ފޮޓޯ: ގެޓީ އިމޭޖަޒް

އަލްޖަޒާއިރުގެ ވެރިކަމުން ބޫތުފްލިގާ ދުރުކުރި އަސްކަރީ އިސްވެރިޔާ އަހުމަދު ގާއިދު ސޮލާހުވެސް މަރުވީ މިއަހަރު ނިމެންދަނިކޮށެވެ.

ހުލާސާ ގޮތެއްގައި މި ބަލާލެވުނީ 2019 ވަނަ އަހަރު މެދުއިރުމަތީގެ މަސްރަހުން ދުނިޔެ ސިއްސުވާލި ބައެއް ޚަބަރުތަކާ، މީޑިއާގެ ފަލަ ސުރުހީތަކުން ޖާގަ ހޯދި، އެންމެ ފާހަގަކުރެވޭ ބައެއް ޚަބަރުތަކަށެވެ.