ގާނޫނުގައި ބަޔާން ކޮއްފައި ވާގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެ އެވެ.
ސިރާޖް މިހެން ވިދާޅުވެފައިވަނީ، ސާވިސް ޗާޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ހޮނޑާފުށި އައިލެންޑް ރިސޯޓްގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން ނެވެ. ޝިމްހާޒް އޭނާގެ ވަޒީފާއިން ވަކިކުރުމާ ދެކޮޅަށް އަޑު އުފުލައި މެންބަރު ސިރާޖް ވިދާޅުވީ، މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މުވައްޒަފުންގެ ހައްގުތައް ރައްކާތެރި ކުރެވެންޖެހޭ ކަމަށެވެ. އަދި ސާވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއްކަމަށާއި، ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސާވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރާ އަހުމަދު ޝިމްހާޒްގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށި ރިސޯޓުން ނުހައްގުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެމްބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް މީސްމީޑިއާގައި ވައިރަލްވި ހިސާބުންނެވެ. އެ މެސެޖުގައި ޝިމްހާޒު ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިވި ކަމުގެ ލިއުމުގައި އޭނާ ލައްވާ ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާއަކީ ދުރު ހިސާބެއްގެ އަތޮޅެއްގެ މީހެއްކަމުން އެވަގުތު ވަޒީފާއިން ވަކިކޮށްފިނަމަ އުޅެންޖެހޭނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، ފަރުވާކުޑަ ކަމަށްބުނެ ރިސޯޓުން ވަޒީފާއިން ވަކި ކުރަނީ ނުހައްގުން ކަމަށާއި، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ. އެކަމާއިގުޅޭގޮތުން ޓީމުގެ އޮފިޝަލް ފޭސްބުކް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ބުނީ، ޝިމްހާޒް ވަޒީފާއިން ކަނޑާލި މައްސަލަ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އޭނާއަށް ލިބެންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އޭނާއަށް ގާނޫނީ ގޮތުން ފޯރުކޮށްދެންޖެހޭ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.