ރާއްޖޭގެ މުވާސަލަތީ ހިދުމަތް ދެމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި، ދިރާގުން މަކަރާއި ހީލަތް ހަދާ ވާހަކަ އާންމުވެފައި ވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މައްސަލަތައް ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ)އަށް މައްސަލައެއް ހުށަހަޅުއްވަން އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ނިންމަވައިފިއެވެ.

އެސްއޯއީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިރާގަކީ މި ސަރަހައްދުގައި ވެސް އިންޓަނެޓުގެ ހިދުމަތުން އެންމެ ބޮޑު އަގު ނަގާ ކުންފުނި ކަމަށެވެ. ނަމަވެސް އެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ދަށް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

އޭނާ ދިރާގުގެ މައްސަލައެއް އެސްއޯސީ ކޮމިޓީއަށް ވައްދަވަން ނިންމެވީ ކޮން ކަމެއް ދިމާވެގެން ކަން ހާމަ ކުރައްވާފައެއް ނުވެއެވެ.

ހަމީދު އިތުރަށް ވިދާޅުވެފައި ވަނީ، ދިރާގާ ގުޅޭ ގޮތުން އެއްވެސް ފަރާތެއްގެ މައްސަލައެއް އޮތް ނަމަ އެކަން އޭނާއާ ހިއްސާ ކޮށްދިނުމަށެވެ. އަދި އެ މައްސަލަތައް ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

އޭނާގެ ޓްވީޓަށް ރައްދު ދިން މީހަކު ބުނެފައިވަނީ، "ނުބަލާނެ، އެބޭފުޅުންގެ ބިލް ސަރުކާރުން ދައްކައިދޭ" ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ، "ތިހެން ގޮވާނެ، ތިކަން ކުރާނެ ބަޔަކު ނެތް، ނޫސްތަކާ ބްރޯޑްކާސްޓަރުން ތިބެނީ އެމީހުންގެ މަޅީގައި ޖެހިފައި" ކަމަށެވެ.

އެހެންމީހަކު ބުނެފައިވަނީ، އެސްއީ ކޮމެޓީގައި ގިނައިން ތިބެނީ ސަރުކާރުގެ ކުންފުނިތަކުން ނާޖާއިރު ފައިދާ ނަންގަވާ މެންބަރުން ކަމަށެވެ. އެހެންވީމާ ކަމެއް ނުނިންމޭނެ ކަމަށެވެ.

ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންގެ ޝަކުވާ އަބަދުވެސް އޮވެއެވެ. އަގުތައް ބޮޑުވުމާއި ލިޞޭ ޖީބީ ކޮޅު މަދުވުމާއި އަވަހަށް ޑޭޓާ ކޮޅު ހުސްވުމުގެ އިތުރުން، ބުނެފައި އޮންނަ ސްޕީޑްގައި ހިދުމަތް ނުލިބުންފަދަ ކިތަންމެ ޝަކުވާއެކެވެ. އަދި އެފަރާތްތަކުން ގެންދަނީ ސޯޝަލްމީޑިއާގައި ނުރުހުން ފާޅުކުރަމުންކަންވެސް ފާހަގަ ކުރެވެއެވެ.

ދިރާގުގެ ހިދުމަތުގެ ފެންވަރު ދަށްކަން މެންބަރު ފާހަގަ ކުރައްވާ ވަކި ކަމެއް ވިދާޅުވެފައި ނުވާއިރު މިކަމާ ގުޅިގެން ދިރާގުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.