މާލެއަށް މީހުން ބަދަލު ނުވާނީ މާލޭގައި ލިބެންހުރި ހިދުމަތްތައް އެފެންވަރުގައި ރަށްރަށުން ލިބިގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވެފައިވަނީ މާލޭ ގެތަކުގެ ކުލި ކުޑަ ނުކުރެވޭނެ ކަމަށާއި ކުލި ކޮންޓްރޯލް ކުރުމަކީ ވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވުމާއި ގުޅިގެނެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެއަށް މީހުން ބަދަލު ނުވާނީ މާލެއިން ލިބެންހުރި ހިދުމަތްތައް އެފެންވަރުގައި ރަށްރަށުން ލިބިގެން ކަމަށެވެ. އެކަން ވާނެނަމަ ވަރަށް ރަނގަޅު ކަމަށެވެ.

"އެއީ 200 މާލެ އުފެއްދުން، އަހަރުމެންނަށް އޮތީ ޗޮއިސްތަކެއް، އެއީ މި ރީތި ހިތްގައިމު ރަށްތަކުގައި އުޅުން، ނޫނީ މާލޭގައި އައިސް ގަނަތެޅުން،" ޝަރީފް ވިދާޅުވިއެވެ.

މާލޭގެ ކުލީގެ މައްސަލައިގެ އަޑު ފަހަކަށް އައިސް ގަދަވެފައިވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިން ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފެށުމާއި ގުޅިގެނެވެ. އެގޮތުން ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހަވީރު ވަނީ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރުން ވަނީ ކުއްޔާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލުގައި ރަޖިސްޓްރީ ކުރުމެއް ނެތި ކުއްޔަށް ދިނުން މަނާ ކޮށްފައިވާއިރު ކުއްޔަށް އުޅޭ މީހުންގެ ބައެއް ހައްގުތައް ވެސް ހިމަނާފައިވެއެވެ. ނަމަވެސް ދިރިއުޅެން ދޫކުރާ ތަންތަނުގެ ކުލި ވަކި އަގުތަކެއްގައި ކޮންޓްރޯލް ކުރަން ހިމަނާފައެއް ނުވެއެވެ.