ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ދުރު ރާސްތާ ހައިޕާސޮނިކް ނިއުކްލިއާ މިސައިލް ހަތިޔާރެއް އެތައް އަހަރެއް ވަންދެން ކާމިޔާބު ކަމާއެކު ޓެސްޓު ކުރުމަށް ފަހު، އޮޕަރޭޓްކުރަން ފަށާފައި ވާކަމަށް ރަޝިޔާގެ ދިފާއީ ވަޒީރު، އެގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަށް ދަންނަވައިފިއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ، އެވަންގާޑް ހައިޕާސޮނިކް ގްލައިޑް ޓެކްނޮލޮޖީއާއެކު ފަރުމާކޮށްފައިވާ ފުރަތަމަ މިސައިލް ޔުނިޓް، އަސްކަރީ ހިދުމަތުގެ ޑިއުޓީއަށް ތައާރަފު ކޮށްފައި ވާކަމަށް ދިފާއީ ވަޒީރު ސެރެގޭއީ ޝޮއިގޫ، ޕޫޓިންއަށް ދަންނަވާފައި ވާކަމަށެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި އެވެންގާޑް މިސައިލް ސިސްޓަމަކީ އައްޔާއި، އަޑަށް ވުރެ 27 ގުނަ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްއެކެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު ސެރެގޭއީ ޝޮއިގޫ (ވާތުން 2 ވަނަ) އަދި ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން (ވާތުން 3 ވަނަ) ހާއްސަ ދިފާއީ ބައްދަލުވުމެއްގައި/ފޮޓޯ: އީޕީއޭ

މިޒާތުގެ މިސައިލްއެއް ޗައިނާއިންވެސް ތައާރަފު ކޮށްފައި ވާކަމަށް ބުނާއިރު، އެމެރިކާގެ ދިފާއީ އިސްތިރާޖު މިވަގުތު އޮތީ ނުތަނަވަސް ކަމެއްގައި ކަމަށް ބުނެވެއެވެ.