ގޯސްޓް ނުވަތަ އެކި ކަހަލަ ރޫހު ފެންނަ ކަމަށް ދައުވާ ކުރާ މީހުންނަށް ފަރުވާ ދޭނެ ގޮތްތައް ދަސްކޮށްދިނުމަށް ހާއްސަކޮށްގެން، އިންޑިއާގެ ޔުނިވާސިޓީއަކުން ސެޓްފިކެޓް ފެންވަރުގެ ކޯހެއް، ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހިންގަން ނިންމައިފިއެވެ.

ވަރަނާސީގައި ހުންނަ ބަނާރަސް ހިންދޫ ޔުނިވާސިޓީ (ބީއެޗްޔޫ)ގައި 6 މަސްދުވަހުގެ މުއްދަތަށް ހިންގާ މި ކޯސް ފަށަން ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުއެވެ.

އޮފިޝަލުން ބުނާ ގޮތުގައި މި ކޯސް ފަރުމާކޮށްފައިވަނީ ބުއްދި ގަބޫލުކުރަން ދަތި، ރޫހާނީ ބާރުތަކެއްގެ ސަބަބުން މެދުވެރިވާ ހާއްސަ ހާލަތްތަކަށް ފަރުވާ ކުރުމުގެ ބަދަލުގައި، ނަފްސާނީ ހާލަތްތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ބީއެޗްޔޫގެ އޮފިޝަލަކު ވިދާޅުވީ 'ބޫތް ވިދްޔާ' ނުވަތަ ގޯސްޓް ސްޓަޑީޒްގެ އިލްމަށް ހާއްސަކޮށްގެން އެ ޔުނިވާސިޓީގައި މިހާރު ޔުނިޓެއްވެސް އެކުލަވާލާފައިވާކަމަށެވެ.

އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތް ނިއުރޯސައިންސްއިން 2016 ވަނަ އަހަރު އާންމުކުރި ދިރާސާ ބުނާ ގޮތުގައި އިންޑިއާގެ އާބާދީގެ 14 ޕަސެންޓް މީހުންނަކީ ނަފްސާނީ ބަލި ހުންނަ މީހުންނެވެ. 2017 ވަނަ އަހަރުގެ އޭޕްރިލް މަހު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާކުރި ގޮތުގައި، އިންޑިއާގެ އާބާދީގެ 20 ޕަސެންޓް މީހުންނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ޑިޕްރެޝަންގެ ނަފްސާނީ ތަކުލީފު އުފުލާ މީހުންނެވެ.

ކަންމިހެން އޮތްއިރު، 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިއާގައި ނަފްސާނީ ބަލިތަކަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ހަރަކާތްތެރިވަމުންދަނީ އެންމެ 4000 އޮފިޝަލުންނެވެ. އަދި މިފަދަ ބަލިތަކާ މެދު އާންމުންގެ މެދުގައި މާ ބޮޑު ހޭލުންތެރިކަމެއްވެސް ނޯވެއެވެ.