މިދިޔަ ހުކުރުދުވަހުގެ ރޭ ބްރިޖް ކައިރިން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޖިޕު ދުއްވި ބަންގްލަދޭޝް މީހާގެ ލައިސަންންސް އިއްޔެ ބާތިލުކޮށްފިއެވެ.

މާލެ ރިންގް ރޯޑު ބްރިޖް ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕެއް ޖެހިގެން އެކްސިޑެންޓް ވެފައިިވަނީ މިދިޔަ ހުކުރުދުވަހުގެ ރޭ 1:22 ހާއިރެވެ. މި އެކްސިޑެންޓާއި ގުޅިގެން ޖިޕު ދުއްވި 27 އަހަރުގެ ބަންގްލަދޭޝް މީހާގެ ލައިސަންސް އިއްޔެ ބާތިލުކޮށްފައި ވާއިރު، ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ، ކުރިއަށް އޮތް 2 އަހަރު ދުވަހުގެ މުއްދަތުގައި އޭނާއަށް ލައިސަންސް ދޫނުކުރުމަށް ނިންމާފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖް މަތިން ބާރު ސްޕީޑޫގައި މާލެއާ ވީ ކޮޅަށް ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލް ނުވެ ގޮސް ޓްރެފިކް ލައިޓަށް މަޑު ކޮށްގެން އޮތް 3 ކާރާއި 2 ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ. މީގެ ތެރެއިން އެއްވެސް މީހަކަސް ސީރިއަސް އަނިޔާއެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. މި އެކްސިޑެންޓްގައި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މި އެކްސިޑެންޓްގައި ހިމެނޭ ހުރިހާ ވެހިކަލްތަކާއި ސައިކަލުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ މީހުން ކަމަށް ފުލުހުން ބުނެއެވެ.