މި ސަރުކާރުން ވެފައި ވާ ވައުދުތަށް ފުއްދައި ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން، ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ގޮވާލައްވައިފިއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްޔައް އަވަސް ހައްލެއް ރައްޔިތުން ބޭނުންވާ ކަމަށެވެ.

ލިބޭ އާމްދަނީ އިން ކުލި ދެއްކުމަށް ފަހު ފެންބިލާއި ކަރަންޓުބިލާއި ސުކޫލު އަދި ޓިއުޝަން ފީދެއްކުމުން ކާނެ އެއްޗެއް ގަތުމަށް ފައިސާ ނުހުންނަ ވާހަކަ ފާހަގަ ކުރައްވައިފައި ވެެއެވެ. މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި ސަރުކާރުން ވެފައި ވާ ވައުދުތަށް ފުއްދުމަށްވެސް އޭނާގެ ޓްވީޓުގައި ވެއެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިރިއުޅޭ މާލީ ތަނަވަސްކަން ކުޑަ ފަރާތްތަކަށް ސަރުކާރުން ކުލި ދައްކައިދެވޭނެ ގޮތް ހަމަޖެހިގެން ދާނެ ފަދަ ހަރުދަނާ އިންތިޒާމް ތަކެއް މިހާރުން މިހާރަށް ހަމަޖައްސާ އެމަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރުމަށް ބާރުއެޅުމުގެ ގޮތުން މަޖިލީހަށް ގަރާރެއް ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައެވެ.

މާލޭގައި ތަންތަން ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ފަރާތްތަކާއި މާލޭގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދާނޭ ކަމުގެ އުންމީދު ކޮންމެ ސަރުކާރެއް ނިމިގެން ދާއިރުވެސް ކުރާ ކަމަށް ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވެއެވެ. ނަމަވެސް މި މައްސަލަ އަށް ހައްލެއް ގެނެވިފައި ނުވާތީ ހިނގަމުންދާ ސަރުކާރުން މިކަމަށް ހައްލެއް ހޯދައި ދިނުމަށް މި ގަރާރު ވަގުތުން ފާސްކޮށްދީ އަމަލު ކުރަން ފެށުމަށް ގަރާރުގައި ގޮވާލަިފައި ވެއެވެ.

2020 ގެ ބަޖެޓުގައި މި ސަރުކާރުން ވިހިހާސް ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވެއެވެ.