ދިވެހި އާދަކާދައިގެ އެންމެ އިހު ހުރި ފަތްފުއްތަކަށް ނަޒަރު ހިންގާލި ކަމުގައި ވީ ނަމަވެސް، އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ކަމަކީ "ދިވެހި" މި – ނަސްލު ސިފަކުރުމުގައި، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރެއްވި މުސާފިރުންނާއި މުސައްނިފުން، ޝާއިރުންނާއި ޅެންވެރިން، އަދީބުންނާއި ލިޔުންތެރިންވެސް ބޭނުން ކުރެއްވި ބަސްތަކެއްކަން މިއަދުވެސް ހާމަވާން އެބަހުއްޓެވެ.

ދީނީ މުނާސަބަތުތަކާއި، ގައުމީ އަދި ސަގާފީ އެކިއެކި ހަރަކާތްތަކަށް ބަލާލި ކަމުގައި ވީނަމަވެސް، ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން ހެކިދެއެވެ. އެގޮތުން ރަމަޟާން މަސް އަތުވެއްޖެކަން ޖެހިގެން އޮތް ރަށުގެ އަހުލުވެރިންނަށް އެނގުމުގެ ގޮތުން އަލިފާންގަނޑު ރޯކުރުމާއި، ގައުމީ ބަތޮލުންގެ އަގުހުރި ޖިހާދުތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ ބަތޮލުންގެ ހަނދާނުގައި ޒިޔާރަތްތައް އަޅާ، އެ ބަތޮލުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމަށް، އެކިއެކި މުނާސަބުތައް ކުލަގަދަކޮށް ފާހަގަ ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ.

ފިތުރު އީދު ނަމާދުގެ ތެރެއިން / ފޮޓޯ: އީދު ނަމާދު ލައިވްގެ ސްކްރީން ޝޮޓެއް

ދިވެހިންގެ އެއްބައިވަންތަކަމުގެ ފޭރާން ޒީނަތްތެރި ކުރަމުން ދިޔައީ އަޚުވަންތަކާއި އުޚުއްވަތްތެރި ކަމުގެ ގަހަނާތަކުން ގަތާލި ރަނުގެ ޗޭނުތަކާއި، މުތީގެ ހާރުތަކުންނެވެ. އެކަކަށް ޖެހިއްޖެ މުސީބަތަކީ އަނެކާގެވެސް ކަމެއްކަމުގައި ދެކި، އެމީހަކަށް ވީ ވަރަކުން އެކަމަކުން އަރައިގަތުމަށް އެހީގެ އަތެއް ފޯރުކޮށްލުމަކީ ބޭ އިހުތިޔާރުގައި ދިވެހިން ކޮށް އުޅުނު ކަންކަމެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް، ޒަމާނީ ތަހުޒީބޭ މިކިޔާ ދުނިޔެއަށް ދިވެހިންގެ ލޯތަށް ހުޅުވި ހިތްތައް ލެނބެމުން ދިޔައީ އެކަމުގެ ސަބަބުން ލިބުނު ކުރިއެރުމާއި އެއްވަރުގެ ނިކަމެތިކަމެއްވެސް އިހުތިޔާރުން ބޭރުން ލިބިގަންނަމުންނެވެ. "ހަސަނު ގޯތި ކުޑަ އައިމިނައޭ، ކަމަނަ ގޯތި ދޮން އާދަނޭ" ބުނުމުން އެއީ ކާކުކަން އެނގޭ މީހުން މަދުވެ، ޖެހިގެން ހުރި ފުޅަފި ހިއްލާލުމަށްފަހު އެހީއަކަށް އެދި ގޮވާލާނެ ޔާރެއްގެ ނަންވެސް ނުދަންނަހާ ބީރައްޓެހިން ތަކަކަށް ދިވެހި އަޚުންނާއި އުޚުތުން ވަމުންދިޔައެވެ. މިކަންކަން ވަމުން ދިޔައީ، ތަރައްގީގެ ނަމުގައި ލޮލުގައި އެޅެމުން ދިޔަ އަނދުނެއްގެ އަނދިރި ފަރާތުގައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ކުރިން އެކުގައި ހީ ސަމަސާ ކުރި އާއިލާތަށް ބައިބައިވެ، އެމީހަކާއި އެ މީހެއްގެ އުސޫލުގައި ދިވެހިންނަށް ހިފެން ފެށުނެވެ.

ދިވެހި ދިދަ ނެގުމުގެ ރަސްމިއްޔާތެއްގެ ތެރެއިން

ތަރައްގީއާއި ތަހުޒީބަކީ އަތުގައި އޮންނަ އެންމެ ޒަމާނީ ފޯނަކުން، ނޫނީ އިހު ބިލިގާ ހުރި ތަނުގައި ބާތު ޓަބެއް، ނޫނީ ދަރު އުނދުނު ފުއްޑަނުގެ ބަދަލުގައި ގޭސް ކަބަޑެއް ހުރުމެއް ނޫންކަން ދަންނަ ދިވެހިން މަދުވާން ފެށިއެވެ. ހަގީގީ ތަރައްގީއަކީ ނަފްސުގެ ތަރައްގީކަމާއި، ހަގީގީ ކުރިއެރުމަކީ، އެއްބަޔަކު އަނެއްބަޔަކާއި ގުޅި އެއްބައިވަންތަވެގެން ނޫނީ ނުހޯދޭނެ އެއްޗެއް ކަމުގައި ގަބޫލުކުރި މީހަކު ފެނުމީ ކާޅަކުން ހުދުފަތެއް ފެނުމޭ އެއް ފަދަ ކަމަކަށް ވެ ނިމެއްޖެއެވެ. އެއް ފުރާޅެއްގެ ދަށުގައި ބޮޑުވަމުން އައި ޖީލުތަކުގެ ދެމެދުގައި ވާދަވެރިކަން އުފެދި، އެކަކު އަނެކެއްގެ ގައިގައި ޖެހި ވެއްޓި ދާއިރު ހާލުއަހުވާލު އޮޅުންފިލުވާލުންވެސް ބުރައަކަށް ވިއެވެ. ފޫހިވިއެވެ.

ކޮންމެ ކަމެއްވެސް ކުރިމަތިވަނީ، އެކަމެއްގައި ފައިދާތަކަކާއިވެސް އެކުގައި ކަން ގަބޫލުކުރަން ދަސްކުރުމަކީ އިންސާނީ ތޮބިއްޔަތުގެ ގޮތުން މާ ފަސޭހަކަމަކަށް ނުވެއެވެ.

2004 ވަނަ އަހަރު އެރި ސުނާމީ ގެ ތެރެއިން / ފޮޓޯ: ސޯޝަލް މީޑިއާ

މި ދެންނެވި ފަދަ، ވީރާނާ ވަމުންދިޔަ އިޖުތިމާއީ ފޭރާމެއް އަޅައިގެން ތިބި ދިވެހިންގެ ހިތްތައް ބަދަހިކޮށް، ފަހުގެ ތާރީހެއްގައި އެއްބައިވަންތަކުރުވި އެއް ދުވަހަކީ މީގެ 15 އަހަރު ކުރިން، ޑިސެންބަރު މަހެއްގެ ސައްބީސް ވީ އާދީއްތަ ދުވަހޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. އެ ދުވަހުގެ އިރު ފެނުން ތޮޅެލީ އާދައިގެ ދުވަހަކަށެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ. މާ ގިނައިރުތަކެއް ނުވެ، ކުރިމަތިވެގެން އައީ ހަޔާތުގައިވެސް ދެކިފައި ނުވާފަދަ ބިރުވެރިކަމަކާއި ނާމާންކަމެކެވެ. ހިންދުކަނޑުގައި، މި ބިންތިރި ދިވެހި ރަށްތަކުގެ އެކި ފަރާތް ފަރާތުން ކަނޑުގެ ލޮނުގަނޑު އުފުލި، ރަށްތަކަށް ބަންޑުން ކޮށްލައި، އެއް ފަރާތުން އެރި ރާޅު އަނެއް ފަރާތުން ފައިބައިގެން ދިޔައީ ދިވެހިންގެ ހިތްތައް ރޮއްވާފައެވެ. އެތައް އަޚުންނާއި އުޚުތުނެއް އަޅުގަނޑުމެންގެ ދިރިއުޅުމާ ވަކިކޮށްލުމަށް ފަހުގައެވެ. އެތަށް އަހަރެއް ވަންދެން ކުރި މަސައްކަތުން ނަގާ ކޮޅަށްޖެހި ގެތަށް ބިމާ ހަމަކޮށްލުމަށް ފަހުގައެވެ. ދިރިއުޅުން އާރާސްތު ކުރުމަށް ކޮށި މަގުތައް ފުރާލީ، ބަނޑުން ކޮށްލި މާ ސިންގާ ކަނޑުގެ ލޮނުގަނޑުންނެވެ. އެފުށް މިފުށަށް ޖެހިގެން ދިޔައީ މުސްތަގުބަލަށްޓަކައި ކުރެވުނު އުއްމީދެވެ. ވަކިވެގެން ދިޔައީ ދެލޯނޭދި އެދުނު ދަރިންނާއި، އެކު އުޅުނު އުޚުތުންނާއި އަޚުންނާއި، ޔާރުންނާއި އިޔާރުންތަކެކެވެ. މިއީ އެއްބަޔަކު އަނެއްބަޔަކަށްޓަކައި އަދިވެސް އެބަތިބިކަން ދިވެހިންގެ ހިތްތަކަށް ވައްދާދިން ކާރިސާއެކެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ރަށުތެރެއަށް ރާޅުގަނޑު އަރައިގެން ދިޔައިރު، ވަކި މީހަކަށް ނުބަލައި އެމީހަކަށް ވީ ގޮތަކުން އަތުޖެހުނު ހާ މީހަކު ސަލާމަތްކޮށް، އެމީހަކަށް ފެނުނު އެންމެ ރައްކާތެރި ތަނަކަށް އެމީހަކު ގެންގޮސް ދިނުމުގައި އަންހެން، ފިރިހެން، ކުޑައެއް ބޮޑެއް ތަފާތެއް ނެތެވެ. އެފަދަ ކާރިސާއެއްގެ ދަނޑިވަޅުގައި ލިބުނު ގޮތް ނޭނގޭ ހިތްވަރެއްގެ ސަބަބުން، މިއަދު އަޅުގަނޑުމެންނާ ސަލާމްކޮށް ހާލު އަހުވާލު ބަލާލާނެ ޔާރެއްގެ ފުރާނަ ސަލާމަތް ކުރެވިއްޖެ ކަމުގެ އުފާވެރިކަން އހްސާސްކުރާނެ ކިތަންމެ ބަޔަކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ގައިމެވެ. މީގެ ކުރިން ވާހަކަ ދައްކާ ނޫޅޭ ކިތަންމެ ބަޔަކު، ގާތް ރަހުމަތްތެރިން ތަކަކަށް ހަދައި ދީފިއެވެ. ކާބަފައިން ދާ އޮހުރުވާލި ފަސްގަނޑޭ ބުނެ، އަމިއްލަ ރަށް ދޫކޮށް ނުލާން ތިބި އެތަށް ބަޔަކު އެ ދުވަހު ބިކަ ހާލުގައި ޖެހުނުއިރު، އެކަމުގެ އިހުސާސްވިޔަ ނުދީ ހިޔާވަހިކަން ފޯރުކޮށްދިން އަވަށްޓެރި ރަށްތަކުގެ އަހުލުވެރިން މިއަދު އަނެއް ރަށުގެ މީހުން ބަލައިގަތްފައިވަނީ އަމިއްލަ ބައެއް ފަދައިންނޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އަނެކާއަށް ވުރެ ތިމާގެ އަތުގައި މުދަލާ ފައިސާ ގިނަ ކުރަމުން ދިޔަ ދިވެހިން، އެ ދުވަހު ދެއްކި ރީތި މިސާލަކީ މިއަދު އެ މަންޒަރުތަކަށް ބަލާލާލުމުން ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުވާލައި މަންޒަރުތަކެކެވެ. އެދުވަހު ރާއްޖެ އޮތް ނިކަމެތި ހާލު މިއަދު އެންމެ ފުރިހަމަ ގޮތުގައި ހިތަށް ގެންނަން ނޭނގުނު ކަމުގައި ވީ ނަމަވެސް، ހާލުގައި ޖެހުނު ތިމާ ނުދަންނަ މީހާއަށް އެހީގެ ކުޑަނަމަވެސް މިންވަރެއް ދިއްކޮށްލުމަށް އަތުކުރި އޮޅާލީ، ހުރިހާ ދިވެހިން އެކުއެކީގައިއެވެ. ބަތްތެލި ފޫ ކަހައިފިނަމަ އަވަށްޓެރިޔާއަށް ކާއެތިކޮޅެއް ގެންގޮސްދިނޭ ބުނެލައިފިނަމަ އެއީ "ކަޓު" ކަމެއް ކަމުގައި އެ ދުވަހު ދުށް މީހަކު ނެތެވެ. ކޮންމެ މީހަކުވެސް ބެލީ ޒަމާނެއްގެ ކޮޅުންވެސް އެމީހަކަށް ހީނލި ކޮންމެ މީހެއްގެ ހާލު އޮޅުންފިލުވޭތޯއެވެ. އަމިއްލަ ގެއަށް ކިރިޔާ ފުދޭނެ މިންވަރަށް އެތިކޮޅެއް ބެހެއްޓުމަށްފަހު ކޮންމެ މީހަކުވެސް ބެލީ އެމީހެއްގެ އަތުގައި ހުރި ހުރިހާ އެއްޗެއް، ތިމާއަށްވުރެ ހާލުގައި ހުރި އެހެން މީހަކަށް ފޯރުކޮށްދެވޭ ތޯއެވެ.

ދިވެހިންނަކީ އެއްބައިވަންތަކަމުގެ ސިފަ ލިބިފައިވި ނަސްލެއްކަން އެ ސުނާމީއަށްފަހު އަނެއްކާވެސް ސާބިތުކޮށްދިނީ، ތާރީހުގެ ފަތްފުއްތަކުގައިވާ ލިޔުންތަކަށް އަމަލީ ހެކި ދައްކަމުންނެވެ.

ޓީ ޖެތީ އަލިފާން: އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ޕްރެސް

ކަންމިހެން އޮތްއިރު، ހިތާމައަކީ، ވީދެމުންދިޔަ އިޖުތިމާއީ ފޭރާމުގައި ސުނާމީއިން އަޅާލަދިން ފޮތިކޮޅު އަނެއްކާވެސް ވީދެން ފަށާފައިވާކަމެވެ. އޭރު ތަރައްގީއާއި ތަހުޒީބުގެ ނަމުގައި ބައިބައިވަމުން ދިޔަ ދިވެހި މުޖުތަމައު އެކަތި ގަނޑަކަށްވެ، އެއްބައިވަންތަކުގެ ޖައްވަކަށް ނޭވާ ލުމަށްފަހު، މިއަދު އަނެއްވެސް ބައިބައިވުމާއި ފިކުރުގެ ހަނގުރާމައެއްގައި ތަޅާފޮޅަމުން ދާކަމެވެ. ފިކުރެއް ތަފާތުވުމަކީ، ފަހަރުގައިވެސް ދިވެހިންގެ އެއްބައިވަންތަކަން އެކަމުގެ އަގަކަށް ވެގެން ނުވާނެކަން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރަން ޖެހެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަ ކުރަމުން ދާއިރު، މި އީ ހަމައެކަނި ދުވަހަކަށް ދީފައިވާ ނަމެއްގެ ބަދަލުގައި، ހަމަ ހަގީގަތުގައިވެސް މިއީ، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ރިވެތި އާދަކާދު ދިރުވާ، ބަހާއި އަމަލުން އެކަން ސާބިތުކޮށްދޭން ވެއްޖެއެވެ. ފާއިތުވެއްޖެ ވަގުތަކަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫންކަން އެނގި އެކަމާ ހިތާމަ ކުރެވެނީ އެކަމަކުން ދެރަ ނިކަމެތި ކަމެއް ކުރިމަތިވުމުން ކަން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދަންނަމުއެވެ. ވީއިރު، ފުރުސަތުގެ ބޭނުން ނަގާ ނުލައި، ކުރިއަރަމުން މިދާ ރޭހުގައި، ދިވެހިން ދިވެހިންގެ ގޮތުގައި އެއްބައިވަންތަކަން މަތީ އަބަދުމެ ކުރިއަށް ދިއުމަކީ މި ގައުމުގެ އާދޭސް ކަމާ މެދަކު ޝައްކެތް ނެތެވެ!