ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުން ކުރަމުންދާ އިންޓަނެޓް ވިއުގާގެ ނިޒާމުން ބޭރުން، އެގައުމަށް ހާއްސަ، ދާހިލީ އިންޓަނެޓް ހިދުމަތެއް ކާމިޔާބު ކަމާއެކު ޓެސްޓުކޮށްފައި ވާކަން ރަޝިއާ ސަރުކާރުން ހާމަކޮށްފިއެވެ.

މިކަމާބެހޭ މާ ބޮޑު ތަފްސީލެއް ރަޝިއާގެ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެގައުމުގެ މުއާސަލާތީ ހިދުމަތްތަކާ ބެހޭ ވުޒާރާއިން ބުނީ، ބައިނަލްއަގުވާމީ އިންޓަނެޓް ހިދުމަތުގެ ނިޒާމުގެ ބޭރުން ރަޝިއާއިން ދާހިލީ ފެންވަރުގެ އިންޓަނެޓް ހިދުމަތުގެ ނިޒާމް ޓެސްޓުކުރިކަން ގިނަ ކަސްޓަމަރުންނަށް ފާހަގަވެސް ނުކުރެވޭ ކަމަށެވެ.

ދެން އޮތީ ޓެސްޓުގެ ނަތީޖާ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއާއި ހިއްސާކުރުން ކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތްއިރު، ތަޖުރިބާކާރުން ދަނީ، ބައިނަލްއަގުވާމީ އިންޓަނެޓް ހިދުމަތުގެ ވިއުގާގެ ބާރުން އެ އިހުދުމަތް ފޯރުކޮށްދިނުމަށް ގައުމުތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ވިއުގާ ހަލާކުވަމުންދާކަން ފާހަގަކޮށް، ކަންބޮޑުވުންފާޅުކުރަމުންނެވެ.

މިއީ ޚުދުމުޚުތާރު ގައުމުތަކުގައި އޮންނަ ސަގާފަތަކަށް ވަމުން އަންނަ ކަމެއްކަން ފާހަގަކުރަމުން، ޔުނިވާސިޓީ އޮފް ސަރީގެ ކޮމްޕިއުޓާ ސައިންޓިސްޓެއް ކަމަށްވާ ޕްރޮފެސާ އެލަން ވުޑްވާޑް ބުނީ، މިއީ އެގައުމުގެ ތެރޭގައި ހިނގާދާ ކަންކަމާ ބެހޭ ގޮތުން އެ ގައުމުތަކުގެ ރައްޔިތުން ބަސް ބުނެ، ކަންކަމާ މަޝްވަރާކުރުމަށް އޮތް ފުޅާދާއިރާ ކޮންޓްރޯލް ވެގެންދާ ކަމެއްކަމަށާ، މިކަމުގެ ސަބަބުނ އެ ގައުމުތަކުގެ ރައްޔިތުންނަށް ތިބެން މަޖުބޫރުވެފައިވަނީ ސަރަހައްދީ އިމުގެ ތެރޭގައި ލެވިފައިވާ ފަށަލައެއްގެވެސް އެތެރޭގައި ކަމަށެވެ.

ބައިނަލްއަގުވާމީ ވިއުގާއިން ބޭރުން ދާހިލީ ފެންވަރުގައި އިންޓަނެޓް ހިދުމަތުގެ ނިޒާމެއް ގާއިމުކޮށް އެ ވިއުގާގެ ތެރެއިން ހިދުމަތް ދޭން ފެށުމުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރާ މީހުންނަށް ލިބޭނީ އެ ވިއުގާ ކޮންޓްރޯލް ކުރާ ސަރުކާރުން ދައްކާ އެއްޗެއް، އެ ހުއްދަ ދޭ މިންވަރަކަށެވެ.

ޗައިނާއާއި އީރާނުންވެސް މިހާރު ދަނީ މިފަދަ ވިއުގާއެއްގައި އިންޓަނެޓްގެ ބައެއް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.